ޚަބަރު

ކަނޑު ދަތުރުތައްކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިންމު


މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރެއް ކަމުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ. މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ތަފާތު ގިނަ ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވަނީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްފަހު ނޫނީ ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށާއި، ރަނގަޅަށް ލައިސަން ލާފައި ބެހެއްޓުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން، އެފަދަ ކުޅިވަރުތައް ރާވާ ހިންގުމަށާއި، ފަޅުތެރޭގައާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ. ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑަށް އެންގުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.