ތިމާވެށި

މާލެ ސާފުކުރުމަށް އެއްއަހަރު ދުވަހުގެ ޚާއްޞަ ޙަރަކާތެއް ފަށަނީ


މާލެ ސާފުކުރުމުގެ ޗެލެންޖްގެ ނަމުގައި އެއްއަހަރު ދުވަހުގެ ޙަރަކާތެއް އިފްތިތާޙްކޮށްފިއެވެ.

އަމިއްލަ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޙަރަކާތް އިފްތިތާޙްކޮށްދެއްވީ، ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް އަދި އެން  ރޭންޖްގެ މެނޭޖިންގ ޑިރެކްޓަރ ނާޒިޔާ މުޙައްމަދެވެ.

މާލެއަކީ ސާފުތާހިރު ރީތިތަނެއްގެ ގޮތުގައި ހެދުމުގެ ގޮތުން މާލެ ސާފުކުރުމަށް އަމިއްލަ ކުންފުންޏެއްކަމަށްވާ "އެން ރޭންޖް" އިން އިސްނަގައިގެން "މާލެ ސިޓީ ކްލީނިންގ ޗެލެންޖް"ގެ ނަމުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ސާފުކުރުމުގެ މިޗެލެންޖް ރޭވިފައިވަނީ، ކޮންމެ ހަފްތާއަކު މާލޭގެ ކޮންމެވެސް މުއައްސަސާއަކުން މާލޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއް ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާގޮތަށެވެ.

ސާފުކުރުމަށް ކަނޑައެޅޭ މުއައްސަސާއަކުން ސާފުކުރުން ނިންމާލާނީ ޖެހިގެން އަންނަ ހަފްތާގައި ސާފުކުރުމަށް ނިކުތުމަށް ކޮންމެވެސް އެހެން ކުންފުންޏަކަށް ޗެލެންޖްކުރުމަށްފަހުކަމަށް އެން ރޭންޖް އިން ބުނެއެވެ. މިޙަރަކާތް ފެށުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު މާލެ ސާފުކުރުމުގައި އެންމެ ފުރަތަމަ ޙަރަކާތްތެރިވާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިންނެވެ.

މިޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މާލެ ސާފުކުރުމުގެ މަސައްކަތަކީ ވަރަށް ބޮޑަށް ރާވާލައިގެން އެކަމަށް ފޯކަސްކޮށްގެން ކުރަންޖެހޭ މަސައްކަތެއްކަމުން، މިކަންކުރުމަށް އަމިއްލަ ފަރާތަކުން ނިންމި ނިންމުމަކީވެސް ވަރަށް ބޮޑު ޗެލެންޖެއްކަމަށެވެ.

ސާފުކުރުމުގެ މަސައްކަތުގައި ހުރިހާ ފަރާތްތަކަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަކީ މިކަމުގައި ވަރަށް މުޙިއްމުކަމެއްކަމަށާއި، އެކަމުގެ އާދަ ހުރިހާ ފަރާތްތަކެއްގެ މެދުގައި އަށަގަންނުވަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މާލެ ސާފުކުރުމުގެ މިޙަރަކާތުގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުމަށް މިނިސްޓަރ ތާރިޤް ގޮވާލެއްވިއެވެ.

ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މުހިންމު ކަމާގުޅޭގޮތުން މިޙަފްލާގައި ވާހަކަދައްކަވަމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުއާދު ވިދާޅުވީ، ސާފުކުރުމުގެ ޗެލްނެޖެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ފަރާތަކުން އިސްނަގައިގެން ދިގުމުއްދަތަކަށް ދެމިގެންދާގޮތަށް ނިންމި ނިންމުމަށް އެކުންފުނީގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުންދޭންކަމަށެވެ. ފުއާދު ވިދާޅުވީ ތިމާވެށި ސާފުކޮށް ބޭއްވުމުގައި މިކަމުގެ މެސެޖް ހުރިހާ ފަރާތްތަކަށް ދޭންޖެހޭކަމަށެވެ.

" ސާފުކުރުމުގެ މަސައްކަތަކީ ޕްލޭންކޮށްގެން ކުރަންޖެހޭ ކަމެއް. މިކަމުގައި ފޯރުކޮށްދޭންޖެހޭ މެސެޖްތައް ފޯރުކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭ." ފުޢާދު ވިދާޅުވިއެވެ.

"މާލެ ސިޓީ ކްލީނިންގ ޗެލެންޖް" ކުރިއަށްގެންދިއުމަށް ނިންމާފައިވާ، "އެން ރޭންޖް" އަކީ އެކި އިވެންޓްތަކާއި ކުޅިވަރުފަދަ މުނިފޫހިފިލުވުމުގެ ކަންތައް ކުރިއެރުވުމަށްޓަކައި އެފަދަ ކަންތައްތައް ރާވާ އިންތިޒާމުކުރުމަށް އުފައްދާފައިވާ އަމިއްލަ ކުންފުންޏެކެވެ. މިއީ އެކުންފުނިން ފުރަތަމަ ރާވާ ހިންގާ ޙަރަކާތެވެ.

"މާލެ ސިޓީ ކްލީނިންގ ޗެލެންޖް" ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ވެމްކޯ އާއި ޕީއެސްއެމް ގުޅިގެންނެވެ.