ޚަބަރު

ޕީއެސްއެމްގެ ޓީވީ ޗެނަލްތައް މެދުކެނޑުމަށްފަހު އަލުން ފެށިއްޖެ


ކަރަންޓް ކެނޑުމުގެ ސަބަބުން ޕީއެސްއެމްގެ ޓީވީ ޗެނަލްތަކުގެ ޚިދުމަތް މިއަދު ގާތަގަނޑަކަށް 5 ގަޑިއިރަށް މެދުކެނޑިއްޖެއެވެ.

ޕީއެސްއެމް ޓީވީ ބިލްޑިންގުން ކަރަންޓް ކެނޑުނީ ހަވީރު ހަތަރުގަގަޑި ފަނަރަހާއިރުއެވެ. ކަރަންޓް ލިބުނީ މިރޭ ހަތްގަޑި ފަންސާސްހާއިރުއެވެ. އަދި ޓީވީއެމްގެ ޓްރާންސްމިޝަން ފެށިފައިވަނީ މިރޭ 9:06ގައެވެ.

ޕީއެސްއެމްގެ ޓީވީ ޗެނަލްތަކުގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ޓީވީ ބިލްޑިންގުން ކަރަންޓް ކެނޑުނީ، މި ބިލްޑިންގަށް ކަރަންޓް ދިނުމަށް ސްޓެލްކޯއިން ޤާއިމްކޮށްފައިވާ ޓްރާންސްފޯމަރު ހަލާކުވުމާ ގުޅިގެންނެވެ. މިކަން ސްޓެލްކޯއަށް ރިޕޯޓްކުރުމުން އެ ކުންފުނީގެ އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ގިނަބަޔަކު އައިސް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަލުން ކަރަންޓް ދިނީ، ހަލާކުވި ޓްރާސްފޯމަރ މަރާތުކޮށްގެން ކަރަންޓް ދިނުން ލަސްވާނެކަމަށް ބެލެވޭތީ، ކަރަންޓް ދީނީ، 240 ސްކްޔަރ އެމްއެމްގެ ފަލަ ކޭބަލެއް ޓީވީ ބިލްޑިންގ ގޯތިތެރެއަށް ވައްދައި އެ ކޭބަލް ޓީވީއެމްގެ ކަރަންޓް ނެޓްވޯކާ ގުޅައިގެންނެވެ. މި ކޭބަލަށް ކަރަންޓް ނެގީ ޓީވީ ބިލްޑިންގ ހިމެނޭ ކޮށީގެ އިރުދެކުނު ކަންމަތީގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ސްޓޭޝަނަކުންނެވެ.

މި މައްސަލަ ހައްލު ކުރެވިފައި ވުމާއެކު، ކުރިން ޝެޑިއުލް ކުރެވިފައިވާގޮތަށް ޓީވީއެމްގެ ޚަބަރާއި ކަރަންޓް އެފެއަރޒް ޕްރޮގްރާމްތަކާއި މޯލްޑިވިއަން އައިޑަލްގެ ރިޕީޓް ޕްރޮގްރާމްވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގުން ކަރަންޓް ކެނޑުމާ ގުޅިގެން ޓީވީ މޯލްޑިވްސްއާއި ޔެސްޓީވީ، އަދި ޕީއެސްއެމްގެ ދީނީ ޗެނަލް މުންނާރުގެ ޕްރޮގްރާމްތައްވެސް މެދުކެނޑިގެންދިޔައެވެ. އަދި ޕީއެސްއެމްގެ އަޕްލިންކް ސްޓޭޝަން މެދުވެރިކޮށް ދެމުން އައި ބްރޯޑްކާސްޓިންގ ޚިދުމަތްވެސް މެދުކެނޑިގެންދިޔައެވެ.

މިއަދު ޕީއެސްއެމްގެ ޓީވީ ޗެނަލްތައް ކަރަންޓް ކެނޑިގެން މެދުކެނޑެން ދިމާވުމުން އެކަމަށް ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަރިހުން މަޢާފަށް އެދެމެވެ. އަދި މިކަމާ ގުޅިގެން ސްޓެލްކޯއިން ކުރެއްވި ބުރަ މަސައްކަތާއި ވެދެއްވި އެހީތެރިކަމާއި ޕީއެސްއެމްއާއެކު ބެހެއްޓެވި ގާތްކަމަށްޓަކައި ޕީއެމްއެސްއެމްގެ ފަރާތުން ޝުކުރު ދަންނަވަމެވެ.