ވިޔަފާރި

ރާއްޖޭގެ އެއަރލައިންތައް ތަމްސީލުކުރާ ބޯޑެއް އެކުލަވާލަނީ


ރާއްޖޭގެ އޭވިއޭޝަން ސިނާޢަތު ކުރިއެރުވުމަށްޓަކައި ރާއްޖޭގައި އޮޕަރޭޓްކުރާ އެއަރލައިންތައް ތަމްސީލުކުރާ ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާގުޅޭ ބައްދަލުވުމެއް ވަނީ މިދިޔަ ހޯމަ ދުވަހު މެގަރ މޯލްޑިވްސް އެއަރލައިންސްގެ ހެޑް އޮފީހުގައި ބާއްވާފައެވެ. އެއަރލައިންތައް ތަމްސީލްކުރާ ބޯޑަކީ ޤައުމުގައި އޮޕަރޭޓުކުރާ އެއަރލައިންތައް އެކުގައި މަސައްކަތް ކުރަމަށް މަގުފަހިކޮށްދޭ ބައިނަލްއަޤްވާމީ މިންގަނޑެކެވެ. ރާއްޖޭގައި މިހާރު މިފަދަ ބޯޑެއް ނޯވެއެވެ. 

މިބައްދަލުވުމުގައި ރާއްޖޭގައި މިފަދަ ބޯޑެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

15 އެއަރލައިނެއްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު، އޭގެތެރޭގައި، ރާއްޖޭގެ ހަތަރު އެއަރލައިން ކަމަށްވާ، މޯލްޑިވިއަން، ޓްރާންސް މޯލްޑިވިއަން އެއަރވޭސް، މެގަރމޯލްޑްސް އެއަރލައިންސް އަދި ފްލައިމީ އިން ބައިވެރިވެއެވެ.