ޚަބަރު

ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ އިޞްލާޙު ތަސްދީޤު ކުރައްވައިފި


ކައުންސިލުތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލު ގެނެސް، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެންނެވި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ބިލަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަށް ބަދަލު ގެނެސްފައިވާ އިޟްލާޙެކެވެ. މިގޮތުން، ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން، ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ. އަދި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާ މީހެއްނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކަށް ވާދަކުރެވޭނީ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 އަހަރު ފާއިތުވެފައިވުމުން، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 އަހަރު ފާއިތުވުމުންނެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢު ކުރައްވާފައެވެ.