ސިއްހަތު

ބަލި މީހުންގެ އިތުބާރު ހޯދަން މަސައްކަތްކުރަންޖެހޭ - މިނިސްޓަރ


ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު ބަލި މީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަންޖެހޭކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި "ކޮލިޓީ އެންޑް ސޭފްޓީ ސިމްޕޯޒިއަމް" ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މަދު ވަޞީލަތްތަކާއެކު ފެށިގެން އައިނަމަވެސް މަދު އަހަރުތަކެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ހޯދާފައިވާ ކަމަށެވެ. 

ޞިއްޙީ ދާއިރާގެ ތެރެއަށް އަމިއްލަ ކުންފުނިތަކުން ވަދެ އައު ވަޞީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްދޭން ފެށުމަކީ ޞިއްޚީ ދާއިރާގެ ކުރިއަރައިގެންދިޔަ އެއް ސަބަބުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަމަށާއި ފާއިތުވި ތިންއަހަރު ޞިއްޚީ ދާއިރާއަށް އައު ކަންތައްތަކެއް ތަޢާރަފްކުރައްވައި ޚިދުމަތް ދެއްވަން ފަށްޓަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14871494966797.jpg|"ކޮލިޓީ އެންޑް ސޭފްޓީ ސިމްޕޯޒިއަމް" ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ ފޮޓޯ: ހެލްތް މިނިސްޓްރީ

މި ސިމްޕޯޒިއަމަކީ ޞިއްޚީ ދާއިރާގައި ޚިދުމަތް ހޯދަން އަންނަ މީހުންނަށް ރައްކާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި މަޝްވަރާކުރުމަށް ބާއްވާ ސިމްޕޯޒިއަމެކެވެ. 

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ، ޞިއްޚީ ޙިދުމަތް ހޯދަން އަންނަ ޢާންމުންގެ އިތުބާރު ޞިއްޙީ ނިޒާމަށް ބޮޑުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެކަމަށެވެ. އަދި ޞިއްޚީ ޚިދުމަތްދޭ މާޙައުލަކީ ބަލިމީހުންނާ ރައްޓެހި އަދި ބަލި މީހުންނަށް ބޭނުންވާ ކަންކަން ކުރެވުގެންދާނެ އަދި އެމީހުންނަށް އެންމެ ރައްކާތެރިކަމާއެކު ޚިދުމަތް ދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އައްފާލު ވިދާޅުވިއެވެ.  

މި މަހާސިންތާގައި މަޢުލޫމާތު ދެއްވަނީ އޮސްޓްރޭލިޔާގެ ޞިއްޚީ ދާއިރާގެ ތަޖުރިބާކާރުންނެވެ. ދެދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. މީގެތެރޭގައި ހެލްތު މިނިސްޓްރީއާއި ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިނިކްތަކާއި އަދި އަތޮޅުތަކުގެ ޞިއްޚީ މަރުކަޒްތައް ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ ޑޮކްޓަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.