ވިޔަފާރި

ޢިމާރާތްކުރުމުގެ ދާއިރާއަށް ޚާއްޞަ ސެމިނަރއެއް ފަށައިފި


ޢިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް ޚާއްޞަ ސެމިނަރއެއް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝްން އިންޑަސްޓްރީ، މަސީން ފަށައިފިއެވެ.

ކޮންސްޓަރަކްޝަން ސިނާޢާތުގައި މަސައްކަތްކުރާ ހުރިހާ ކުންފުނިތަކަށް ޚާއްޞަކޮށްގެން ފެށި މި ސެމިނަރގެ މައިގަނޑު ބޭނުމަކީ ކޮންސްޓްރަކްޝަން ސިނާޢަތަށް ދިމާވެފައިވާ ދަތިތައް ނައްތާލައި، މި ސިނާޢަތުގެ ތެރޭގައި ޙައްލުކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި ސިނާޢަތުން ލިބޭ މަންފާ އިތުރުކުރުމަށް ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުންކަމަށް މަސީން ބުނެއެވެ. 

ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢަތުގައި މަސައްކަތްކުރާ ޕްރައިވެޓް ގިނަ ކުންފުނިގެ ބޭފުޅުންނާއި ސަރުކާރުގެ ކަމާގުޅުން ހުރި ވުޒާރާތަކުގެ ބޭފުޅުން މި ސެމިނަރގައި ބައިވެރިވެވަޑައިގަންނަވައެވެ. މި ސެމިނަރގައި ކޮންސްޓްރަކްޝަން ސިނާޢާތާ ގުޅުންހުރި ތަފާތު 8 ކަރުދާހެއް ހުށަހަޅާ މަޝްވަރާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުހައްމަދު ޢަލީ ޖަނާޙް ވިދާޅުވީ ކޮންސްޓްރަކްޝަން ސިނާޢަތަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަނީ ސަރުކާރުން އެ ސިނާޢަތް ކުރިއެރުވުމަށް އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އަދި މިހާރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިމިނެއްގައި ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި ޖަނާޙް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަމުން އަންނަކަމަށާއި މިއާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތައް ކޮލިޓީވަމުން އަންނަކަމުގައެވެ.

"އިންފްރާ ސްޓްރަކްޗަރއަށް ބަލާލާއިރުވެސް ފެންނަނީ ބޮޑެތި ކުރިއެރުންތައް އައިސްފައިވާ ތަން.. ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނައިރު، ފްރަންޓް ލައިނުން މި ފެންނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ.. ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މިހާރު މިދެކެނީ މީގެ ކުރިން ދުވަހަކުވެސް ނުދެކެހޭ ބޮޑު ކުރިއެރުމެއް" ޖަނާޙް ވިދާޅުވިއެވެ.

މި ސެމިނަރ ފެށުމުގެ ރަސްމިއްޔާތުގައި މަސީން ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމާ ގުޅޭގޮތުން ހަތަރު ކުންފުންޏަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރިއެވެ.

އެލައިޑް އިންޝުއަރެންސާއެކު މަސީން ސޮއިކުރީ ކޮންސްޓަރަކްޝަން އިންޝުއަރެންސަށް ޑިސްކައުންޓް ލިބޭ އެއްބަސްވުމެއްގައެވެ. އެސްޓީއޯއާއެކު، އެނުއަލް ސޭފްޓީ ޑޭ ފާހަގަކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚާއްޞަ 13 އެޕިސޯޑުގެ ޓީވީ ޕްރޮގްރާމެއް ގެނެސްދިނުމަށް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އަދި އުރީދޫ ސްމާޓް ސިޓީގައި ބައިވެރިވެ އުރީދޫއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.