ޚަބަރު

ބަނގުރާފުޅިތަކަކާއެކު ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި


މޯލްޑިވްސް ޕޮލިސް ސަރވިސުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ދެ ސަރަހައްދަކުން ބަނގުރާ ފުޅިތަކަކާއެކު 4 މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ވިދާޅުވީ ރޭ ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރާއި 24 އަހަރާއި ދެމެދުގެ ފިރިހެނުންކަމަށެވެ. މީގެތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ ޓެކްސީއެއްގައި ބަނގުރާ ފުޅިތަކެއް ހިފައިގެން އުޅެނިކޮށް ރޭ 21:30 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. މި ދެ މީހުން ތިބި ޓެކްސީގެ ތެރެއިން 14 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަނގުރަފުޅިތަކަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަނެއް ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ 21:50 ހާއިރު ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރިން އެދެމީހުން ބަލާ ފާސްކުރިއިރު ބަނގުރާފުޅިއަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފެންހުސްކުރި ކުޑަ ފުޅިއަކާއެކުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަތައް ފުލުހުން ތަހުޤީޤްކުރައްވަމުން ގެންދަވާކަމަށެވެ.