ޚަބަރު

ހުޅަނގު ހާބަރު ތަރައްޤީކުރުމުގެ މަސައްކަތް އެޕްރީލްމަހު ނިމޭނެ


މާލެ ހުޅަނގު ދެކުނު ހާބަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ ކުރީކޮޅު ނިމޭނެކަމަށް އެމަސައްކަތް ކުރަމުން އަންނަ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްޤީކުރައްވަމުން ގެންދަވާ ސިނާޢީ ސަރަޙައްދު ތަރައްޤީކުރެއްވުމަށް ބޭނުންވާ ބިން ހިއްކެވުމުގެ ކުރިން އެސަރަޙައްދުގައި އޮތް ނެރު ބަންދުކޮށް، އެސަރަޙައްދުން އާ ނެރެއް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ އެމްޓީސީސީއާއެވެ.

މިމަޝްރޫޢުގެ ދަށުން ނެރު ހެދުމަށްޓަކައި ކޮނުމުގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.   އެމްޓީސީސީން ބުނީ، މިހާރު ކުރަމުންދަނީ ނެރުފައިކަށީގެ މަސައްކަތްކަމަށެވެ. އަދި ނެރު ފައިކަށީގެ މަސައްކަތް ނިމުމުން ކޮންނަންޖެހޭ އިތުރު ސަރަޙައްދު ކޮނުމުގެ މަސައްކަތް ނިންމާގޮތަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއެވެ. މިމަޝްރޫޢަށް ބޭނުންވާ ބޮޑުހިލަ މިހާރު އެސަރަޙައްދަށް ޖަމާކޮށް ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މިމަޝްރޫޢު ކުރިޔަށް ގެންދަން ޖެހިފައިވާ މާޙައުލުގެ ގޮތުން، ތޮށިގަނޑަކީ ހަރު ތޮށިގަނޑަކަށްވާތީ، މަޝްރޫޢުގެ މަސައްކަތް ލަސްވާކަން ފާހަގަކުރެވޭކަމަށެވެ. އެހެންނަމަވެސް މިހާރު ތާވަލު ކުރެވިފައިވާގޮތުން މަޝްރޫޢުގެ މަސައްކަތް ނިންމަންޖެހޭ ތާރީޚަށް ނިންމޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެކުންފުނިން ބުނެއެވެ.