ޚަބަރު

ހަކަތަ ބޭނުންކުރާ މިންވަރު މަދު އޮފީސް ޢިމާރާތެއް!


ހުޅުމާލޭގައި ފުރަތަމަ ފަހަރަށް ކާބަން އާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށްގެން އޮފީސް ޢިމާރާތެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ޢިމާރާތަކީ 10 ބުރިއަށް ޢިމާރާތްކުރާ އޮފީސް ޢިމާރާތެއްކަމަށެވެ. ތިމާވެށްޓާ ރައްޓެހިގޮތަށް ޢިމާރާތްކުރާ މިޢިމާރާތުގެ އީއައިއޭއާއި، ޑިޒައިންކުރުމުގެ މަސައްކަތްކުރުމަށް އެޗްޑީސީން މިހާރު ވަނީ ބީލަމަށް ހުޅުވާލަފައެވެ.

މިފުރުޞަތު މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް އެކުންފުނިން ވަނީ ހުޅުވާލާފައެވެ. 

މިޢިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވާ ސަރަޙައްދުގައި ހިމެނޭ ސެންޓްރަލް ޕާކު ހިމެނޭ ސަރަޙައްދުގައެވެ.

އޮފީސް ޢިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހަކަތަ ބޭނުންކުރެވޭ މިންވަރު ދަށްކޮށް، ތިމާވެށްޓާ ރައްޓެހި ގޮތަކަށެވެ. މިގޮތުން މި ޢިމާރާތުގައި ވާރޭފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާއި، ސޯލަރ ޕީވީ މެދުވެރިކޮށް ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީ ބޭނުންކުރުމަށާއި، ހޫނުމިން ދަށްކުރާނެ ނިޒާމެއް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ހާމަކުރެއެވެ. 

ރާއްޖޭގައި ތެލަށް ބަރޯސާވުން ކުޑަކޮށް، ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޖީޑީޕީގެ 23 އިންސައްތަ ހޭދަވަނީ ކަރަންޓް އުފައްދަން ބޭނުންވާ ތެޔޮ ގަތުމަށެވެ.