ތަރައްްޤީ

ނަރުދަމާ ނިމުމުން ހިންމަފުށީ ފެނުގެ ނިޒާމް ޤާއިމްކުރާނަން- ރައީސް


ހިންމަފުށީގެ ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމުގެ މަޝްރޫޢު ފެށްޓެވުމުގެ ތައްޔާރީތައް ކުރައްވަމުން އަންނަކަމަށާއި ނިޒާމް ޤާއިމްކުރައްވައި ނިމުމުން އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހިންމަފުށީގައި 21.6 ހެކްޓަރުގެ ބިން ހިއްކަވާފައިވާ، ބިންހިއްކުމުގެ މަޝްރޫޢު ނިންމެވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހިންމަފުށީގެ ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމުގެ މަސައްކަތް ފެށްޓެވުމުގެ ތައްޔާރީތައް މިހާރު ކުރިއަށްގެންދަވާ ކަމަށާއި، އެ މަޝްރޫޢު ނިމުމުން ފެނުގެ ނިޒާމް ޤާއިމް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެކަށެވެ.

ރައީސް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމުގައި ސަރުކާރުން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެންމެ ބޭނުންވާ ހަލުވިމިނުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވެނީ ރާއްޖޭގެ ރަށްރަށް ގިނަވުމުންކަމަށެވެ. އަދި ރާއްޖޭގައި ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކާއި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާއެކު ބޮލަކަށްޖެހޭ ޢާމްދަނީގެ މިންވަރު އިތުރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި، ހިންމަފުށީގައި ހިއްކާ ނިމިފައިވާ 21.6 ހެކްޓަރުގެ ބިމާއެކު، ހިންމަފުށީގެ ރައްޔިތުންނަށް ގޯތިދޫކުރުމަށް ފުރުޞަތު ލިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހިންމަފުށްޓަށް ބޭނުންވެފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަވަމުން، ޝާން ވަނީ ހިންމަފުށީގެ ބަނދަރުގެ ދަތިކަމާއި ރަށުގައި ރަނގަޅު ފެންވަރުގައި މަގު ހެދުމަށް ރަށުގެ ރައްޔިތުން އެދޭކަމަށް ވިދާޅުވެފައެވެ. ހަމައެއާކު މި ސަރުކާރުން ހިންމަފުށީގައި ހިންގަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށްވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.