ތަރައްްޤީ

ރައީސް ޔާމީން މިއަދު ތުލުސްދުއާއި ހިންމަފުށްޓަށް ވަޑައިގަންނަވާނެ


ކ. ތުލުސްދުއާއި، ހިންމަފުށީގެ ބިން ހިއްކެވުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު އެ ދެރަށަށް ވަޑައިގަންނަވާނެއެވެ.

ރާއްޖޭގެ ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކޮށްދެއްވުމުގެ ގޮތުން، ބިން ހިއްކެވުމުގެ މަޝްރޫޢުތަކުގެ ތެރެއިން ކ. ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ދެކުނު ފަރާތު ފަޅުތެރެއިން 21.6 ހެކްޓަރުގެ ބިން ވަނީ ހިއްކަވާފައެވެ. މިމަޝްރޫޢަށް 130 މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ. ހިންމަފުށީ ބިން ހިއްކަވައި ހިއްކި ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް 890 މީޓަރުގެ ރިވެޓްމަންޓް ވަނީ ޖައްސަވާފައެވެ.

ހިންމަފުށީ ބިންހިއްކުމުގެ މަޝްރޫޢު ހިންގެވީ ނެދަރލޭންޑްސްގެ ވެންއޫޑް ޑްރެޖިންގ މެރިން ކޮންޓްރެކްޓަރާ ޙަވާލުކުރައްވައިގެންނެވެ.

ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢަކި، ބޮސްކާލިސް ކުންފުންޏާ ޙަވާލުކުރައްވައިގެން ހިންގެވި މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ތުލުސްދޫން 33 ހެކްޓަރުގެ ބިން ހިއްކަވާފައިވެއެވެ. މިއާއެކު މިހާރު އެރަށުގެ ބޮޑުމިނަކީ 68 ހެކްޓަރެވެ.

ތުލުސްދޫގައި ހިއްކަވަފައިވާ ބިން އެކަށީގެންވާ ގޮތުގައި ބޭނުންކުރެއްވުމަށާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް ބޮޑު ހިލަޖައްސަވައި ރަނގަޅު ފެންވަރުގެ އެއްގަމުތޮށްޓެއްވެސް ވަނީ ލާފައެވެ.