ރިޕޯޓް

ގައިދީން, ކިޔެވުމާއި އާމްދަނީ ހޯދުމުގައި އަވަދިނެތި


ފަތިސް ނަމާދަށް ބަންގި ގޮވުމުން އިސްމާޢާލް ޙުސައިން 42، (އަސްލު ނަމެއް ނޫން) އެންމެ ފުރަތަމަވެސް އަވެސްވެގަންނަނީ މިސްކިތަށް ގޮސް ނަމާދު ކޮށްލުމަށެވެ. ނަމާދުކޮށް އަވަދިވެގެން ޤުރުޢާން ކިޔަވާލަން ކުޑަ ވަގުތުކޮޅަކު އިނދެލުމަށްފަހު ދެން އޮންނަނީ ހެނދުނުގެ ސައި ބުއިމެވެ. ދެން ދަނީ ކަސްރަތު ކުރާށެވެ. އަދި މަސައްކަތު ދާންޖެހޭ ގަޑި ކުޑަތަންވުމުގެ ކުރިން ކަސްރަތު ނިންމާލުމަށްފަހު ފެންވަރައިގެން އޭނާ ދަނީ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. މިއީ އެއްވެސް ޙާލަތެއްގައި ޢާންމު މުޖުތަމަޢުގައި އުޅޭ މީހެއްގެ ވާހަކައެއް ނޫނެވެ. 

މިއީ މާފުށި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ ދުވަހުގެ ފެށުމެވެ. އިސްމާޢީލްގެ މި ވާހަކަތަކުން ގައިދީން އުޅެނީ ދަތި ޙާލުގައޭ ބުނެ ފަތުރާ އަޑުތަކަށް ބީރު ކަންފަތެއް ދޭން މަޖުބޫރުވެއްޖެއެވެ.

ކުރިން ނުލިބޭ އެތައް ފުރުޞަތުތަކެއް:

ޤައިދީންނަކީ ޢާންމު މުޖުތަމަޢާ މުޅިނެ އެކަހެރިކޮށް ތިބެންޖެހޭ ބައެކެވެ. އެއީ އެމީހުންނަށް ކުރެވުނު ކުށެއްގެ ސަބަބުން ނުވަތަ ކުރެވުނު ވިޔާނުދާ ޢަމަލެއްގެ ސަބަބުންނެވެ. ބައެއް މީހުން ޖަލަށްދާއިރު އެމީހުންގެ ކިބައިގައި ރިވެތި އުޞޫލުތަކާއި އާދަތަކެއް ނުހުރެއެވެ. އަނެއްބައި މީހުންނަކީ އޭރު ތިމާގެ ޢަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން ކިޔެވުމުން މަޙްރޫމްވެފައި ތިބި މީހުންނެވެ. ނަމަވެސް މިއަދު އެ ޤައިދީން ތިބީ ހިތްހަމަޖެހިގެންނެވެ. ސަރުކާރުން ޤައިދީން ބަޔަކަށް ހަދައިދިނުމަށް މަސައްކަތް ކުރަމުންދާތީއެވެ.

img:http://s4.psmnews.mv/images/660x400/14868694518292.jpg|ޤައިދީންނަށް ކިޔަވައިދޭ ކްލާހެއް: ޢިލްމާއި ފަންނުގެ ތަފާތު ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތު ޤައިދީނަށް މިހާރު އެބައޮތް

"އަސްލު އަޅުގަނޑުމެން {ޤައިދީން} މިހެން ތިބޭއިރު މި ތިބެން ޖެހެނީ މުޅިން މާޙައުލާ އެކަހެރިކޮށް. މިކަހަލަ ފުރުޞަތެއް އަޅުގަނޑުމެންނަށް ލިބިގެން ދިއުމަކީ އަޅުގަނޑުމެން ކަހަލަ މީހުންނަށް ވަރަށް ގިނަ ގޮތް ގޮތުން ފައިދާ ކުރާނެ ކަންތައްތަކެއް.،" އެސްއެސްސީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން މާފުށި ޖަލުގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ޤައިދީއެއް ކަމަށްވާ މުޙައްމަދު ޙުސައިން (އަސްލު ނަމެއް ނޫން) 26، ޕީއެސްއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުންޏެވެ.

ޖަލުގެ ތޭރިތަކުގެ ތެރެއަށް މީހާ ވަނުމަކީ އިތުރަށް މީހާ ގޯސްވާންޖެހޭ ކަމެއް ނޫނެވެ. އެއީ އެމީހަކަށް ކުރެވުނު ކުށަށް ވިސްނާލަން ލިބޭ ރަނުގެ ފުރުޞަތެކޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. އަދި ޚާއްސަކޮށް މިއަދު ޖަލުގެ ތެރެއިން މީހާއަށް ލިބޭ އެކި ފުރުޞަތުތަކަކީ އިޞްލާޙްވާން ބޭނުންވާ މީހާއަށް ލިބޭ އިތުރު ފުރުޞަތުތަކެކެވެ.

"ކޮންމެ ކަމެއްގައިވެސް އޭގެ ގޯސްގޮތް ނަގައިފިއްޔާ ހަމަވާނީ ގޯސް. އެކަމަކު މިތާ {ޖަލު} ތެރެއިން މިހާރު އަޅުގަނޑުމެންނަށް ފަހިވަމުން އަންނަނީ ރަނގަޅު ގޮތް. ރަނގަޅު ކަންކަމުގެ ތެރޭގައި މީހާ މަޝްޣޫލުވެގެން ޖަލުގައި އަޅުގަނޑުމެން ހޭދަކުރަމުން އަންނަ ވަގުތުތަކުގެ ބޭނުން ހަމަ ރަނގަޅު ގޮތުގައި ހިފައިގެން ދިއުމުގެ ފުރުޞަތު ތަނަވަސްވެގެން މިދަނީ،" ސަރުކާރުން ޤައިދީންނަށް ފަހި ކޮށްދޭ ކަންތައްތަކަށް ޝުކުރު އަދާ ކުރަމުން މުޙައްމަދު ޙުސައިން ބުންޏެވެ.

ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީންނަކީވެސް ކުރިން ލިޔަން ކިޔަން ނުދަންނަ މީހުންނަށްވީ ނަމަވެސް ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރު ނެތް މީހުންނަށް ވީނަމަވެސް ސަރުކާރުގެ އަމާޒަކީ އެ މީހުންނަށް މުޖުތަމަޢުގެ އެހެން އަފްރާދުންނެކޭ އެއްގޮތަށް އެ ފުރުޞަތުތައް ދިނުމެވެ. 

އެގޮތުން ޤާރީ ކޯހުގެ ތިން ލެވެލެއް އަންނަނީ ޤައިދީންނަށް ކިޔަވައި ދެމުންނެވެ. އެ ލެވަލްތަކުގެ ތެރެއިން ޤިރާއަތު ލެވެލް އެކެއްގައި ޖުމްލަ 21 ޤައިދީއަކު އަންނަނީ މިހާރުވެސް ތަޢުލީމް ޙާޞިލް ކުރަމުންނެވެ. ޤިރާއަތު ލެވެލް ދޭއްގައި 23 ޤައިދީއަކު ތަޢުލީމް ޙާޞިލް ކުރަމުން އަންނައިރު، ޤިރާޢަތު ލެވެލް ތިނެއްގައި 29 ޤައިދީއަކު ތަޢުލީމް ޙާޞިލް ކުރަމުން ގެންދެއެވެ. އިނގިރޭސި މާއްދާއިން ޖީސީއީ އޯލެވެލް ހެދުމަށް 47 ޤައިދީއަކު ތައްޔާރުވަމުން އަންނައިރު، ހިސާބު މި މާއްދާއިން 13 ޤައިދީއަކު އަންނަނީ ތަޢުލީމް ޙާސިލް ކުރަމުންނެވެ. އަދި ދިވެހި މާއްދާއިން 47 ޤައިދީއަކު އެސްއެސްސީ އިމްތިޙާނަށް ތައްޔާރުވަމުން އަންނައިރު 57 ޤައިދީއަކު އަންނަނީ އިސްލާމް މި މާއްދާއިން އެސްއެސްސީ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ތަޢުލީމް ޙާސިލް ކުރަމުންނެވެ. މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭ ޤަބޫލުކުރާ ކޯސްތަކެކެވެ.

ކުރާ މަސައްކަތަށް އުޖޫރަވެސް ލިބޭ:

ބައެއް ފަހަރު ނޫސްތައް ބަލާލާއިރު ޤައިދީން ލައްވާ މިވެނި މަސައްކަތެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކުރަމުން އަންނަ ވާހަކަ އަޑު އިވެއެވެ. ނަމަވެސް އެ މީހުން ލައްވާ ކަރެކްޝަނުން ކުރުވާ މަސައްކަތް އެމީހުން ކުރަނީ ގަދަކަމުން ނޫނެވެ. އެ މީހުން އެ މަސައްކަތް ކުރަނީ ކުރާ ހިތުންނެވެ. އެއީ ކީއްވެކަން އެނގޭ ހެއްޔެވެ؟ އެނބުރި މުޖުތަމަޢުއަށް ގޮސް ޤައުމަށް ޚިދުމަތް ކޮށްދޭން އެ ޤައިދީންގެ ހިތުގައިވެސް އޮވެއެވެ. ކަރެކްޝަނުން އެ މީހުން ލައްވާ މަސައްކަތް ކުރުވަނީ ހިލޭ ސާބަހަކަށް ވެސް ނޫނެވެ. ދުވާލަކު ވަކި ވަރެއް އެ މީހުންނަށް ލިބެއެވެ.

img:http://s4.psmnews.mv/images/660x400/14868698967755.jpg|ގައިދީން ހައްދާ ދަނޑެއް: މިމަސައްކަތުގައިވެސް ކާމިޔާބުކަމާއެކު ޤައިދީން ޙަރަކަތްތެރިވަމުންދޭ

"އަޅުގަނޑު މިތަނަށް {ޖަލަށް} އައުމުގެ ކުރިންވެސް ފަހައި އުޅެން. ދެން މިތަނަށް އައިސްވެސް އެ މަސައްކަތް މިކުރަނީ. ވަރަށް ގިނަ ދުވަސްވެއްޖެ މިކަމުގައި {ފެހުމުގައި} އުޅޭތާ. އެކި ތަފާތު އެއްޗެހި ފަހަމުން މި ގެންދަނީވެސް. ވަރަށް ހިތްހަމަޖެހޭ މިތާނގެ ޑީޕީ އާ ޑީސީޕީވެސް ވިދާޅުވާނެ (ޢުމަރު) ލައްވާ އެއްޗެއް ފަހާލާށޭ. ދެން އަޅުގަނޑު ފެހި ހެދުން ނުވަތަ ގަމީސް ނުވަތަ ޔުނީފޯމް ވިއަސް އެ ލައިގެން އަންނަތަން ފެނުނީމަ ވަރަށް ހިތްހަމަޖެހޭ މަންޒަރެއް އެއީ އަޅުގަނޑަށް.،" 2008ވަނަ އަހަރުން ފެށިގެން މާފުށި ޖަލުގައި ހެދުން ފެހުމުގައި ހަރަކާތްތެރިވަމުން އަންނަ ޤައިދީއެއް ކަމަށްވާ އިބްރާހީމް ޢުމަރު (އަސްލު ނަމެއް ނޫން) 48، ކިޔައިދިނެވެ.

މާފުށި ޖަލުގައި ޤައިދީންގެ ގޮތުގައި 900 އަށްވުރެ ގިނަ މީހުން އުޅޭއިރު އެ ޖަލުން ޤައިދީންނަށް ހިންގާ ތަފާތު އެކި ކޯސްތަކާއި ޖަލުގެ ތަފާތު އެކި މަސައްކަތްތަކުގައި 500އަށް ވުރެ ގިނަ ޤައިދީން އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި ޖަލު ބަލަހައްޓަން ތިބި އޮފިސަރުންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުކެވެ.

ޤައިދީންގެ އާދޭސް: "ބޭނުންވަނީ މުޖުތަމަޢުން އަހަރެމެން ބަލައިގަތުން"

ބައެއް މީހުންނަކީ ހަޔާތުގައި ކުރެވޭ ކުށެއް ނުވަތަ ކުރެވޭ ޢަމަލެއްގެ ސަބަބުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ވަންނަންޖެހޭ މީހުންނެވެ. އެނބުރި މުޖުތަމަޢަށް ނުކުނެވޭނީ ކުރެވުނު ކުށުގެ އަދަބު ނިންމުމަށްފަހުއެވެ. ބައެއް މީހުން އެނބުރި މުޖުތަމަޢަށް ނުކުންނަނީ ކުރެވުނު ކުށް އެއީ މާޒީ ކަމަށް ބަލައި މުޅިން އާ ޢަޒުމަކާއި އެކުގައެވެ. ނަމަވެސް ގިނަ ފަހަރު އެކަން އޮންނަނީ ނުވެފައެވެ. އެއީ މުޖުތަމަޢު އެ މީހުން ބަލައި ނުގަތުމުގެ ސަބަބުންނެވެ. އެމީހުން މުޖުތަމަޢުއިން އެކަހެރި ކުރުމުގެ ސަބަބުންނެވެ.

img:http://s4.psmnews.mv/images/660x400/14868697342680.jpg|ޤައިދީއަކު ކުރެހުމުގެ މަސައްކަތުގައި: ހުނަރުވެރި ޒުވާނުން ޤައިދީންގެ ތެރޭގައި އެބަތިބި

މީގެކުރިން އެމީހުންނަށް މަސައްކަތެއް ދަސްވެފައި ނުވި ނަމަވެސް މިއަދު ޤައިދީން ޖަލުގެ ތޭރިތަކުގެ ތެރެއިން ނުކުންނަނީ ހުސް އަތަކާ ނޫނެވެ. އެމީހުން ޖަލުން ނުކުންނަނީ ހެވިފައެވެ. ޢާންމު ފަރުދެއްގެ ޙައިސިއްޔަތުން މުޖްތަމަޢަށް ޚިދުމަތް ކޮށްދޭން އެ މީހުން ނުކުންނަނީ ތަޢުލީމީ ސެޓްފިކެޓްތަކާއި އެކު މަސައްކަތްތެރިންގެ ގޮތުގައެވެ. ދެން އެމީހުންނަށް ބޭނުންވަނީ މުޖުތަމަޢުގެ އަޅާލުމެވެ. އިތުބާރު ކުރުމަށްފަހު މަސައްކަތް ޙަވާލުކޮށް އެ މީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުޖުތަމަޢުގެ ޒިންމާއެކެވެ.