ތަރައްްޤީ

ވާރޭފެން ރައްކާކުރުމުގެ ނިޒާމާބެހޭ ސާރވޭ ނިންމަވާލައްވައިފި


ކުދި އާބާދީތަކަށް އަމާޒުކުރައްވައިގެން ފެށްޓެވުމަށް ހަމަޖެހިފައިވާ، ވާރޭފެން ރައްކާކުރުމުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުރިއަށް ގެންދިޔަ ސާރވޭ ނިންމަވާލައްވައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެތެރޭގައި ފަށްޓަވާނެކަމަށެވެ. ރައްޔިތުންނަށް ރައްކާތެރި، ސާފު ބޯފެން ލިބިދެއްވުމާއި، އިރުވައި މޫސުމުގައި ފެނަށްޖެހޭ މައްސަލަ ޙައްލު ކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖޭގެ ރަށްރަށުގައި ފެނަށްޖެހުމުގެ މައްސަލަ އާއްމުކޮށް ދިމާވަމުންދެއެވެ. އެންވަޔަރްމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު  އެކަނިވެސް ފެނަށް އެދި ރާއްޖޭގެ 65 ރަށަކުން އެމިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

މިމައްސަލައަށް ހައްލެއް ހޯއްދަވާ ދެއްވުމުގެ މަޤްޞަދުގައި ކުދި އާބާދީތަކަށް އަމާޒުކުރައްވައިގެން ވާރޭ ފެން ރައްކާކުރުމުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢެއްގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފަށްޓަވާފައެވެ. އދ. ގެ " ގްރީން ކްލައިމެޓް ފަންޑުން" ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 45 ރަށެއްގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމް ޤާއިމުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ފަށްޓަވާ މަޝްރޫޢު އަމާޒުކުރައްވާފައިވާ 45 ރަށުގެ ތެރެއިން، 44 ރަށަކީ އާބަދީގައި ދެހާސް މީހުން ހަމަނުވާ ރަށްރަށެވެ. މި މަޝްރޫޢުގެ ފައިދާ، މި ރަށްތަކުގައި ދިރިއުޅޭ 35000 އެއްހައި މީހުންނަށް ކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ވާރޭފެން ރައްކާކުރުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ހަދަންޖެހޭ ސާރވޭގެ މަސައްކަތްތައް ނިމި އީއައިއޭ ހަދާނިމިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި މަޝްރޫޢު ޑިޒައިނިން ކުރުމަށް ކުރަންޖެހޭ ފުރަތަމަ މަސައްކަތް މިހާރު ކުރިއަށްދާކަމަށާ މަސައްކަތުގެ ބިޑް އިވެލުއޭޝަން ނިންމައި މިމަހުގެތެރޭގައި އެވޯޑްކުރުން ކުރިއަށްދާނެކަމަށް ވެސް އެންވަޔަރްމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މައިގަނޑު 3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ގްރީން ކްލައިމެޓް ފަންޑުން މި މަޝްރޫޢަށް 23.6 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެއްވުމަށް ހަމަޖެހިފައިވަނީ 4.5 މިލިއަން ޑޮލަރެވެ. އަދި ޔޫ.އެން.ޑީ.ޕީ އިން 100000 ޑޮލަރުގެ ހިލޭ އެހީ މި މަޝްރޫޢަށް ވަނީ ދީފައެވެ.