ސިއްހަތު

އައިޖީއެމްއެޗުގައި ލެޕްރޮސްކޯޕިކް ޕައިލޯޕްލާސްޓީއެއް ހަދައިފި


އައި.ޖީ.އެމް.އެޗުގައި ޤާއިމްކުރައްވާފައިވާ ނޭޝަނަލް ޔޫރޯ ރީނަލް ފަރޓިލިޓީ ސެންޓަރަކީ، ދަރިމައިވުމުގެ މައްސަލަތަކާއި، ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި، ކިޑްނީ ބަލިތަކަށް ފަރުވާދެއްވުމަށްޓަކައި، އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލުގެ ފަންނީ އެހީތެރިކަމާއެކު ޤާއިމްކުރައްވާފައިވާ މަރުކަޒެކެވެ. މިސެންޓަރުގައި، އެދާއިރާއިން މިހާރު ރާއްޖޭގައި ލިބެން ނެތް ގިނަ ޚިދްމަތްތަކެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދެއްވަމުން ގެންދަވައެވެ. ޚާއްޞަގޮތެއްގައި ޔޫރޯލޮޖީގެ ދާއިރާއިން، ހޯއްދަވާ ކުރިއެރުން ފާހަގަކޮށްލެވެއެވެ. މިހަފްތާގެ ހޯމަ ދުވަހު އެސެންޓަރުގައި ވަނީ ފުރަތަމަ ފަހަރަށް ޔޫރޯލޯޖީގެ ދާއިރާގެ ލެޕްރޮސްކޮޕީ އޮޕަރޭޝަނެއް ކުރައްވާފަައެވެ. އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލުގެ ފަންނީ މާހިރުންނާއި، އައި.ޖީ.އެމް އެޗްގެ ޑޮކްޓަރުންގެ ޓީމެއް ގުޅިގެން ކުރިޔަށް ގެންދެވި ތިންގަޑިއިރުގެ މި ސާޖަރީ ވަރަށް ކާމިޔާބުކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވިއެވެ. ސާޖަރީކުރެއްވި ކޮންސަލްޓެންޓް ޔޫރޯލޮޖިސްޓް ޑރ. ކްރިޝްނާ ވިދާޅުވީ،"ލެޕްރޯސްކޮޕިކް ޕައިލޯޕްލާސްޓީ" ސާޖަރީ ހެދި ޢުމުރުން 21 އަހަރުގެ ޒުވާނާއަށް ކުރިމަތިވި މައްސަލައަކީ ކިޑްނީއާއި ކުޑަކަމުދާ ނިޒާމާ ގުޅައިދޭ ހޮޅި ހިމަވުންކަމަށެވެ. އެހެންކަމުން އޮޕަރޭޝަން ކޮށްގެން އޭނާގެ ޙާލަތު ރަނގަޅުކޮށްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އުފެދުމުގައި ހުރި މިކަން ރަނގަޅުކުރުމަށް، "ލެޕްރޯސްކޮޕިކް ޕައިލޯޕްލާސްޓީ" ހެދި މިޒުވާނާގެ ޙާލު ރަނގަޅު ކަމަށާއި، ހުކުރު ދުވަހުގެ ވަގުތެއްގައި އޭނާ ދޫކޮށްލާނޭކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ކުޑަ ކުޑަ ލޯވަޅުތަކެއް އަޅައިގެން ބޮޑު ސާޖަރީއެއް ހަދާ މިނިންމާލީ. އޮޕަރޭޝަން ކުރި މީހާގެ ޙާލު ރަނގަޅު. އޭނާ އެއްވެސް އުދަގުލެއް ނެތު ހިނގާ އެބައުޅޭ. މިހާރު ތަދެއްވެސް ނުވޭ. ޓެކްނިކަލީ ބުނަންޏާ އޭނާ ގެއަށްވެސް މިހާރު ފޮނުވާލެވިދާނެ. އެކަމަކު އޭނާ އަކީ ރަށަކުން އައިސްހުރި މީހެއް ވީމާ އަދި ދޫކޮށްލެވޭކަށް ނެތް. ހަމަ އެކަނި ކުޑަކަމުދިއުމަށް ބޭނުންކުރާ ހޮޅިއެއް ލައްވާފަ ހުރީ. އަޞްލު ބުނަންޏާ ..ހަމަ ގެއަށް ގޮސްލާފައި ދެދުވަސްފަހުން އައިސްވެސް އެހޮޅި ނައްޓާލެވިދާނެ. ދެދުވަހެއްގެ ތެރޭގައި އެނައްޓާލާފައި އޭނާ ދޫކޮށްލާނަން." އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ކޮންސަލްޓެންޓް ޔޫރޯލޮޖިސްޓް ޑރ. ކްރިޝްނާ ވިދާޅުވިއެވެ.

ޑޮކްޓަރ ކްރިޝްނާ ވިދާޅުވީ، ޔޫރޯލޮޖީގެ ނާޒުކު އޮޕަރޭޝަންތައް ކުރުމަށް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރު އާލާތުގެ ގޮތުންނާއި، އިންފްރާ ސްޓްރަކްޗަރގެ ފުރިހަމަކަމަށް. އަދި ތިއޭޓަރުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު، މިފަދަ ސާޖަރީއެއް ކާމިޔާބު ކުރެވުނީތީ ތިއޭޓަރުގެ މުވައްޒަފުންނާއި، ނޭޝަނަލް ޔޫރޯ ރީނަލް ފަރޓިލިޓީ ސެންޓަރުގެ ދިވެހި ޑޮކްޓަރުންނަށް ޑޮކްޓަރު ތަޢުރީފް ކުރެއްވިއެވެ.

"އައިޖީއެމްއެޗުގައި އެހެންބާވަތުގެ ލެޕްރޮސްކޯޕިކް ސާޖަރީ ހަދާފަ ކުރިން އެބަހުރި. އެކަމަކު މީގެ ކުރިން، ލެޕްރޮސްކޯޕިކް ޔޫރޯލޮޖީ ސާޖަރީއެއް ހަދާފައެއް ނެތް. މިއީ މިބާވަތުގެ ސާޖަރީއެއް ހެދި ފުރަތަމަ ފަހަރުކަމުން، ތިއޭޓަރުގެ ސްޓާފުން ތިބީ ވަރަށް އުފަލުން. ވަރަށް ޖޯޝާއެކީ އެހީތެރިވަމުންދިޔަ. ޚާއްޞަކޮށް ކެމެރާކުރި ޑރ .ސައްޔާފް ގެ މަސައްކަތް ފާހަގަކޮށްލަން. ޢާއްމުކޮށް މިކަހަލަ ސާޖަރީތަކުގައި، ކެމެރާ ހަޑިވެގެން އެތައްފަހަރަކު ނަގަންޖެހޭ. އެކަމަކު އޭނާ ތިންގަޑިއިރު ވަންދެން ހިފަހައްޓާލި. މަސައްކަތް ވަރަށް ރަނގަޅު. މިޓީމާއެކު މިފަދަ އޮޕަރޭޝަންތައް ކުރިޔަށް ގެންދެވިދާނެކަމުގެ ގެރެންޓީ މިހާރު އެބައޮތް. މިއީ ފުރަތަމަ ފިޔަވަޅު. މުސްތަޤްބަލުގައި މިއަށް ވުރެ ބޮޑެތި ނާޒުކު އޮޕަރޭޝަންތައް މިތާގައި ކުރަން އަޅުގަނޑުމެން ވިސްނަން" އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ކޮންސަލްޓެންޓް ޔޫރޯލޮޖިސްޓް ޑރ. ކްރިޝްނާ ވިދާޅުވިއެވެ.

ޔޫރޯލޮޖީގެ މިޚިދްމަތަކީ މީގެ ކުރިން އައިޖީއެމްއެޗްގައި ލިބެން ނެތް ޚިދުމަތެކެވެ. އެހެންކަމުން މި ސާޖަރީ ހެދުމަށް އާސަންދައިން ބޮޑު ހޭދައެއް ކޮށްގެން މީގެ ކުރިން ރާއްޖެއިން ބޭރަށް ފޮނުވަންދިޔައެވެ. ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރުން މިހާރު ތައްޔާރު ވަމުން ގެންދަވަނީ ކައިރި މުސްތަޤްބަލެއްގައި އެސެންޓަރުގައި ކިޑްނީ ޓްރާންސް ޕްލާންޓް ހެދުމުގެ އިންތިޒާމް ހަމަޖެއްސެވުމަށެވެ.

ސާދަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ސަރުކާރުން ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރެއް ޤާއިމްކުރެއްވުމުގެ މައިގަނޑު ޢާމާޒަކީވެސް، މިފަދަ ބަލިތައް ރާއްޖޭގައި ލިބޭނޭ އިންތިޒާމް ހަމަޖެއްސުމެވެ. އަދި މިފަދަ ފަރުވާތައް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުމަދުކޮށް، އުފުލަން ޖެހޭ ތަކްލީފް ކުޑަކުރުމެވެ. ހަމަ އެއާއެކު މިފަދަ ފަރުވާތަކަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ކުޑަކުރެއްވުމަކީވެސް މި ސެންޓަރު ޤާއިމް ކުރެއްވުމުގެ އެއް އަމާޒެވެ.