ޚަބަރު

ކުންފުންޏާބެހޭ އައު ޤާނޫނަށް މިއަހަރުގެތެރޭ އަމަލު ކުރަން ފަށަނީ


ކުންފުންޏާބެހޭ އައު ޤާނޫނުގެ ޑްރާފްޓެއް އެކުލަވާލައްވާފައިވާ ކަމަށާއި، މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި އެ ޤާނޫނުގެ ޑްރާފްޓް މަޖިލީހަށް ހުށައެޅުވާނެ ކަމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ. އަދި މިއަހަރުގެ ތެރޭގައި މި ޤާނޫނަށް ޢަމަލުކުރަން ފެށްޓެވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިސާމް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ކުންފުންޏާބެހޭ ޤާނޫނަކީ ވިއްސަކަށް އަހަރުވެފައިވާ ޤާނޫނެކެވެ. އިކޮނޮމިކް މިނިސްޓްރީން ދެއްވާ ބައެއް ޚިދުމަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބޭއްވެވި ސެޝަނެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ، ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މިހާރު ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ކުންފުންޏާބެހޭ ޤާނޫނުގެ ބައިތައް ހިމެނޭ ގޮތަށް، ކުންފުންޏާބެހޭ މުޅިން އާ ޤާނޫނެއްގެ ދެލިކޮޕީ އިކޮނޮމިކް މިނިސްޓްރީން މިހާރު އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހަށް ޤާނޫނުގެ ދެލިކޮޕީ ފޮނުވާފައިވާ ކަމަށާއި، މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

އަލަށް ޑްރާފްޓްކުރި ޤާނޫނު އެކުލަވާލުމުގައި ޒަމާނަށް ފެތޭ އިޞްލާޙްތަކެއް އިތުރުކުރައްވާފައިވާ ކަމަށް ވިސާމް ވިދާޅުވިއެވެ. އެގޮތުން މި ޤާނޫނު ވުޖޫދަށް އައުމުން ވަކި ފަރުދަކަށްވެސް ކުންފުންޏެއް ހިންގޭނެ ކަމަށާއި މި ޤާނޫނުގެ ސަބަބުން ދެފުށް ފެންނަ ގޮތަށް ކުންފުނިތަކުގެ ހިންގުން ބަދަލުވެގެންދާނެ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވިޔަފާރިތަކަށް ފަހި މާޙައުލެއް ރާއްޖޭގައި ޤާއިމްކުރެއްވުމުގެ ސިޔާސަތެއް އެކަށައަޅުއްވައި، އެ ސިޔާސަތު ތަންފީޒު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ވިޔަފާރީގެ ޙަރަކާތްތައް އިތުރު ކުރެއްވުމަށާއި ވިޔަފާރިއާއި އިޤްތިޞާދުގައި ޒުވާނުންނާއި އަންހެނުންގެ ޙަރަކާތްތައް އިތުރުކުރެއްވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަވައި އެބައިމީހުން ބާރުވެރިކުރެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހުރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި، އިޤްތިޞާދާއި ވިޔަފާރީގެ ޙަރަކާތްތައް ދިވެހިރާއްޖޭގައި އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. ކުދިވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ފަށްޓާފައިވާ މަސައްކަތްތަކުގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުންފުނިތައް ހިންގަން ފަސޭހަކުރެއްވުމާއި އަދި ހިންގޭ ކުންފުނިތައް ހަރުދަނާކުރެއްވުމާއި އެކަމުން ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރެއްވުމުގެ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކުންފުންޏާބެހޭ އައު ޤާނޫނު ހިމެނިގެންދާނެއެވެ.