ކޯޓަށް ހުށަހެޅޭ އެކި މައްސަލަތަކުގައި ހެކިބަސް ދޭ މީހާއަކީ ހިމާޔަތް ކުރަންޖެހޭ މީހެއް ކަމަށް ކަނޑައަޅާ ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ ޢަލީ ޝާހް ހުށަހެޅުއްވި ހެއްކާބެހޭ ބިލްގައި 147 މާއްދާއެއްވެއެވެ.
ހެއްކާބެހޭ ބިލުގައިވަނީ ޖިނާޢީ މައްސަލަތުގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާއަކީ ޙިމާޔަތް ލިބެންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީއަށް ޤަބޫލުކުރެވިއްޖެނަމަ އެ ހެކިބަސްދޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ ކުރިން ނުވަތަ އޭނާގެ ހެކިބަހުގެ މަޢުލޫމާތު އެއްވެސް ފަރާތަކަށް ދިނުމުގެ ކުރިން، އޭނާއަކީ ޙިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށެވެ. ޕީޖީ ކަނޑައަޅުއްވައި އެކަން ކޯޓަށް އަންގައި ހެކިބަސް ދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދެންޖެހޭނެ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
ހެކިބަސް ދޭ މީހާއަކީ ޙިމާޔަތް ދޭންޖެހޭ މީހެއް ކަމަށް ބަޔާންކޮށް ކޯޓަށް ހުށަހަޅުއްވާއިރު، އެ ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވާޞިލްވި ގޮތުގެ ތަފްޞީލާއި ސަބަބު ބަޔާން ކުރަންވާނެ ކަމަށް ހެއްކާބެހޭ ބިލުގައި ބުނެފައިވެއެވެ. މި ބިލުގައިވަނީ ހެކިބަސް ދޭ މީހެއްގެ ނަފްސަށް ނުވަތަ ޢާއިލާއަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށާއި ހެކިބަސްދޭ މީހާއަށް ޤަބޫލުކުރެވިއްޖެނަމަ އެ މައްސަލާގައި އޭނާއަކީ ޙިމާޔަތް ދޭންޖެހޭ މީހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް އަމިއްލައަށް ހުށަހެޅުމުގެ ހައްޤު ހެކިބަސްދޭ މީހާއަށް ލިބިގެންވާނެ ކަމަށެވެ.
މިފަދަ ގޮތަކަށް ޕީޖީން ކޯޓަށް ހުށަހަޅުއްވާ ހުށަހެޅުއްވުމެއް ބެލުމަށްފަހު ހެކިބަސްދޭ މީހާއަކީ ޙިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ހެކިބަސްދޭ މީހާއަށް ޙިމާޔަތް ދޭންޖެހޭ މިންވަރު ދަރަޖަކޮށް، އެ މީހަކު ޙިމާޔަތް ކުރުމަށް ފުލުހުންގެ މުޢައްސަސާއަށާއި ކަމާގުޅުންހުރި ދަޢުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާނެ ކަމަށްވެސް ހެއްކާބެހޭ ބިލުގައިވެއެވެ.
މިބިލުގައި ވަނީ ކޯޓުން ނެރޭ އަމުރުގައި ހެކިބަސް ދޭ މީހާ ޙިމާޔަތް ކުރަންވީ ގޮތާއި މިންވަރާއި ދަރަޖަ ކޯޓުން ބަޔާންކުރަން ވާނެ ކަމަށެވެ. ހެކިބަސްދޭ މީހާ ޙިމާޔަތް ކުރުމުގައި އެ މީހަކަށް ޙިމާޔަތް ދޭންޖެހޭ ސަބަބު ކަމަށް ޕީޖީ ހުށަހަޅުއްވާ ސަބަބާއި ތަޙުޤީޤުކުރާ ފަރާތުން ކަމާގުޅޭ ގޮތުން ހުށަހަޅާ ކަންކަމަށް ރިޢާޔަތްކުރަން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ހެއްކާބެހޭ ބިލުގައިވެއެވެ.
ހެކިބަސްދޭ މީހާއަށް ޙިމާޔަތް ދޭންވީ މިންވަރު ފަނޑިޔާރު ދަރަޖަކުރާނީ، އޭނާ ހެކިބަސްދޭން އެއްބަސްވި އެއްބަސްވުމުގެ ސަބަބުން ހެކިބަސްދޭ މީހާގެ ޖާނަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާގެ މެމްބަރަކަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ރިޢާޔަތް ކުރުމަށްފަހު ކަމަށްވެސް މި ބިލްގައިވެއެވެ. ބިލުގައި ބުނެފައި ވަނީ ހެކިބަސްދޭ މީހާ ޙިމާޔަތް ކުރާނީ ދަޢުލަތުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށެވެ.
ހެކިބަސްދޭ މީހާއަކީ ކޯޓުން އެ މީހަކަށް ޙިމާޔަތް ދިނުމަށް އަމުރުކޮށްފައިވާ މީހެއް ނަމަ ޝަރީޢަތުގެ މަޖިލީހުގައި އޭނާއަށް ކުރާ އެއްވެސް ސުވާލެއް، ކުށުގެ ތުހުމަތުގައިވާ މީހާގެ ހާޒިރުގައި ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށް ހެކިބަސްދޭ މީހަކީ ކާކުކަން އެނގިދާނެ ފަދަ ގޮތަކަށް ފަނޑިޔާރު ކޮށްގެން ނުވާނެ ކަމަށްވެސް މިބިލުގައިވެއެވެ.
ކޯޓުން ޙިމާޔަތް ކުރުމަށް އަމުރުކޮށްފައިވާ މީހެއްގެ ހެކިބަސް ނެގުމުގައި އެމީހަކީ ކާކުކަން ހާމަނުވާ ގޮތަށް އޭނާގެ އަޑު ބަދަލުކުރުމަށްފަހު، އޯޑިއޯ ނުވަތަ އަޑު ފޮނުވޭ ފަދަ ވަޞީލަތެއްގެ ޒަރިއްޔާއިން އޭނާއާ ސުވާލުކޮށް ހެކިބަސް ނެގުމާއި އެމީހަކީ ކާކުކަން ހާމަނުވާ ގޮތަށް މަންޒަރު ބަދަލުކުރުމަށްފަހު ވީޑިއޯގެ ޒަރިއްޔާއިން އޭނާއާ ސުވާލުކޮށް އޭނާގެ ހެކިބަސްނެގުމުގެ އިތުރުން ޝަރީޢަތް ފެށުމުގެ ކުރިން ނަގާފައިވާ ހެކިބަސް ކޯޓަށް އިއްވުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ވެސް ހެއްކާބެހޭ ބިލްގައިވެއެވެ.
ޙިމާޔަތް ދިނުމަށް ކޯޓުން އަމުރުކޮށްފައިވާ މީހަކަށް ކުށުގެ ތުހުމަތުގައިވާ މީހާގެ ޤާނޫނީ ވަކީލު ހެކިބަސްދޭ މީހާއަށް ސުވާލު ކުރުމުގެ ތެރޭގައި، ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަވެދާނެ ސުވާލެއް ހިމެނޭނަމަ އެފަދަ ސުވާލުތަކަށް ޖަވާބުދޭން ނުޖެހޭނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ކަނޑައެޅުއްވޭނެ ކަމަށް ބިލުގައިވެއެވެ.
ބިލުގައި ބުނެފައިވަނީ ހެކިބަސްދޭ މީހާއަކީ ކާކުކަން އަދި އޭނާއަށް ޙިމާޔަތް ދިނުމުގެ ގޮތުން އޭނާ ރައްކާކުރެވިފައިވާ ތަނެއްގެ މަޢުލޫމާތު އޭނާ ޙިމާޔަތް ކުރުމުގެ އަމުރު ނެރުނު ފަނޑިޔާރު ކަނޑައަޅާ ބަޔަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެ ކަމަށެވެ. އަދި ހެކިބަސްދޭ މީހާއަކީ ކާކުކަން ހާމަނުކުރުމަށް ހެކިބަސްދޭ މީހާއާ ގުޅޭގޮތުން ސިއްރުކުރާ މަޢުލޫމާތު ތަޙްޤީޤް މަރުހަލާގައިވެސް އަދި ދަޢުވާގެ މަރުޙަލާގައިވެސް ސިއްރެއްގެ ގޮތުގައި ދަމަހައްޓަންވާނެ ކަމަށާއި މައްސަލަ ނިމުމަށްފަހު ވެސް އެ މަޢުލޫމާތު ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެ ކަމަށް ވެސް މި ބިލްގައިވެއެވެ.
ހެކިބަސްދޭ މީހާއަކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ކަމަށްވާނަމަ އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނެވެރިންނަށްވެސް ހެއްކާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތް ލިބިގެންދާނެއެވެ.
މި ބިލުގައި ބުނެފައިވަނީ ހެކިބަސްދޭ މީހާއަށް ނުވަތަ އޭނާގެ ޢާއިލާއަށް ނުވަތަ އޭނާގެ މުދަލަށް އެއްވެސް ފަރާތަކުން ގެއްލުންދޭނެކަމުގެ އިންޒާރު ދީފިނަމަ އެކަން ހެކިބަސްދޭ ފަރާތުން ތަޙްޤީޤްކުރާ ފަރާތަށް އަންގަންވާނެ ކަމަށެވެ. އަދި ތަޙްޤީޤްކުރާ ފަރާތުން އެ މައްސަލަ ބެލުމަށްފަހު ހެކިބަސްދޭ މީހާގެ ނަފްސަށް ނުވަތަ މުދަލަށް ލިބިދާނެ ގެއްލުމަކުން، ދަޢުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ހެކިބަސްދޭ މީހާ ޙިމާޔަތް ކޮށްދޭން ވާނެ ކަމަށް ވެސް ހެއްކާބެހޭ ބިލުގައި ބަޔާންކޮށްފައިވެއެވެ.