ވިޔަފާރި

މަޓީގެ ޗެއަރމަނަކަށް އަނެއްކާވެސް އެމްޔޫ މަނިކް!


ރާއްޖޭގައި ހިންގަމުންދާ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ކުރިއަށްއޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް މަޓީގެ އާ ޗެއަރމަން މުޙައްމަދު އުމަރު މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޓީގެ 27ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަރސްޓްރީ (މަޓީ)ގެ ކުރިއަށްއޮތް ދައުރުގެ ޗެއަރމަންކަމަށް އިންތިޚާބުކުރި މުޙައްމަދު އުމަރު މަނިކު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެޖަމިއްޔާއިން މަސައްކަތް ކުރައްވާނެކަމަށެވެ.

ޓޫރިޒަމް ސިނާއަތުގައި ޙިއްޞާވާ ކުންފުނިތަކުން މަޓީއާ ގުޅެމުންދާކަން ފާހަގަކުރައްވައި އެމްޔޫ މަނިކް ވިދާޅުވީ، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަން މަޓީއަށް ބޭނުންވާކަމަށެވެ.

މިރަސްމިއްޔާތުގައި މަޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ގިނަ ކަންތައްތަކެއް ހާސިލްވެފައިވާކަމަށެވެ. ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެކު، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް މާކެޓް ކުރުމަށް ފަންޑު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ނަޒީރު ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް ދާއިރާގެ ސަބަބުން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ގިނަ ފައިދާތަކެއް ދަނީ ކުރަމުނެވެ. ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވާ ދާއިރާއަކީ ޓޫރިޒަމް ދާއިރާކަމަށްވާއިރު ރާއްޖޭގެ އިޤްތިޞާދީ ދުވެލީގެ ކާމިޔާބީ ދައްކައިދެނީ ޓޫރިޒަމް ދާއިރާ ދުވަހުން ދުވަހަށް ހޯދަމުންދާ ކުރިއެރުމެވެ.

މަޓީގެ 27ވަނަ އަހަރީ އާންމު ޖަލްސާގައި ވަނީ، ކުރިއަށްއޮތް ދައުރުގެ އެ ޖަމިއްޔާގެ ބޯޑްމެންބަރުން ޢައްޔަންކޮށްފައެވެ. ކުރިއަށްއޮތް ދައުރުގެ ޗެއާމަނަކަށް އިންތިޚާބުކޮށްފައިވަނީ، ނިމިދިޔަ ދައުރުގައިވެސް އެމަޤާމް ފުރުއްވި މުޙައްމަދު އުމަރު މަނިކް، (އެމްޔޫ މަނިކު)އެވެ. ދެ ވައިސް ޗެއާމަނުންނަށް އިންތިޚާބުކޮށްފައިވަނީ ޗަމްޕާ ހުސައިން އަފީފާއި ވިލާ ގްރޫޕްގެ ޗެއާރމަން ގާސިމް އިބްރާހީމް އެވެ. ސެކެޓްރީ ޖެނެރަލް އަޙްމަދު ނަޒީރު އިންތިޚާބުކޮށްފައިވާއިރު، ޑެޕިއުޓީ ސެޓްރީ ޖެނެރަލްއަކަށް އައްޔަންކޮށްފައިވަނީ، އަސަދު އަލީ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަރސްޓްރީ، މަޓީ އަކީ ރާއްޖޭގެ ރިސޯޓްތައް ހިއްސާކުރާ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މެމްބަރުން ހިއްސާވާ ރިސޯޓްތަކުގެ އަދަދު އުޅެނީ ސަތޭކަ ވިއްސަށްވުރެ މަތީގައެވެ. މަޓީގެ މެމްބަރުންގެ ރިސޯޓްތަކާއި، މެމްބަރުންނާއި ގުޅުންހުރި ވިޔަފާރިތަކުން މިދިޔަ އަހަރު ކުރި ވިޔަފާރި ދެ ބިލިއަން ޑޮލަރަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.