ޚަބަރު

"މަސްވެރިން ކިރުވާ މަހަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ"


މިފްކޯގެ ހިންގުމަށް ގެންނެވި ބަދަލާއެކު މަސްވެރިން ކިރުވާ މަހަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންތަކެއް ފޯމް ހަވާލުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިޔާސީ ފަރާތްތަކުން ކުރާ ސިޔާސީ ދަތިތަކާއެކުގައިވެސް ތަރައްޤީގެ މިސްރާބަށް ވާޞިލުވުންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކި ސަރަޙައްދުތަކުގައި މަސްވެރިންނަށް އައިސް ދޫކުރައްވަން ހައްދަވާފައިވާ ތަންތަނާއި މަސްވެރިންނަށް ޚީދުމަތްދިނުމާބެހޭ އިންތިޒާމްތަކުގެ ތެރެއިން ޚިދުމަތް މެދުކެނޑިފައި ހުރި ހުރިހާ ތަނެއް ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުކުރައްވައި ޚިދުމަތަށް ގެންނަވާނެކަމަށެވެ.

އެގޮތުން ރާއްޖޭގައި ޢުމްރާނީ ތަރައްޤީ ކަށަވަރު ކޮށްދެއްވުމުގެ އިތުރުން، ރައްޔިތުންނަށް ބޭނުންވައި އެންމެހައި ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަށްޓަކައި، މަސްވެރިންނަށް ދުވަހުން ދުވަހަށް ޢާމްދަނީ ލިބޭގޮތަށް މިފްކޯގެ މަސައްކަތްތައް ބައްޓަން ކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14865466162945.jpg|ޕީޕީއެމްއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމް ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތުން ދިވެހިރާއްޖެއަށް އެތައް ގޮތަކުން ތަރައްޤީ ހޯއްދަވައިދެއްވާފައިވާކަން އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރަންވެއްޖެކަމަށެވެ. ދިވެހިރާއްޖެއަށް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އައި ތަރައްޤީ އެންމެބޮޑަށް ރަމްޒު ކޮށްދެނީ ދިވެހިރައްޔިތުންގެ އުންމީދުތަކާއީ، ސަރުކާރުގެ ފަރާތުން އެދޭ އެދުންތަކަށް އައި ބަދަލުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން ސަރުކާރަށް ރައްޔިތުން ކުރާ އުންމީދުތައް އެތައް ގުނައެއް ބޮޑުވެ އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން އިދިކޮޅު ލީޑަރަކު ކުރި ޖިނާއީ ކުށަކަށް ޙައްޤު އަދަބު ލިބިގެން ދިއުމަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ޙުކޫމަތު ޤާއިމުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ބަދަލު އަންނާނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ޙަރަކާތްތައް މަދުވެ ސަރުކާރާ ޕީޕީއެމަށް ރައްޔިތުން ކުރަމުންދާ ތާއީދު އިތުރުވަމުންދާ ދިއުމަކީ ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުން ބަލައިގެފައިވާކަން ހާމަވާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.