ދުނިޔެ

ޕްރެޝަރު ބޮޑުވެ، ޓްރަމްޕް ކޮމިއުނިކޭޝަން ޑައިރެކްޓަރެއް ހޯދަނީ


ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސަރގެ މަސައްކަތްޕުޅާމެދު ރައީސް ޑޮނާލްޑް ޓްރަމްޕް ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ހޯދުމުގެ މަސައްކަތް ވައިޓް ހައުސްއިން ފަށައިފިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާބެހޭ ގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ޖަވާބުދެއްވާ ސްޕައިސަރއަކީ ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ބޭފުޅާއެވެ. ނަމަވެސް ޓްރަމްޕް ވެރިކަމަށްވަޑައިގެން މިވީ ދެ ހަފްތާއެއްހާ ދުވަހުގެތެރޭގައި ސްޕައިސަރގެ ޢަމަލުކުރައްވާފައިވާ ގޮތާމެދު ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ޚަބަރުތައް ބުނެއެވެ. 

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު ވައިޓް ހައުސްގައި ބޭއްވި ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސްޕައިސަރ ޢަމަލުތައް ބެހެއްޓެވި ގޮތުން ގިނަ ބައެއްގެ ފާޑުކިއުންތައް އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި ޞައްޙަ ނޫން މަޢުލޫމާތު ދެއްވުމާއި ޓްރަމްޕްގެ ބައެއް ދެކޮޅު ނުޖެހޭ ވާހަކަފުޅުތަކާއި ސިޔާސަތުތައް ދިފާއުކުރައްވަން ސްޕައިސަރ ދައްކަވާ ވާހަކަތަކުގެ ސަބަބުން މީޑިއާތަކުން ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.  

img:http://s1.psmnews.mv/images/660x400/14865399209753.jpg|ޝޯން ސްޕައިސަރ ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީއާއި ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަޤާމު ސްޕައިސަރ ފުރުއްވަމުން ގެންދަވާއިރު، ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަޤާމަށް ގެންނަވަން ޓްރަމްޕް ބޭނުންފުޅުވީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުޙަލާގައި އޭނާގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޖޭސަން މިލަރއެވެ. ސްޕައިސަރއަކީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ރައިންސް ޕްރީބަސްއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އޭނާއަށް ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަޤާމު ޓްރަމްޕް ދެއްވީ އެސަބަބަށްޓަކައި ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.