ތަރައްްޤީ

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މައްސަލަ ކޮމެޓީއަށް


ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ޤާއިމްކުރުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކުރުމާ މެދު މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ އަމީންޢާންމު ވަނީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވެވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވަވާފައެވެ. އަދި އެ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޢަބްދުﷲ މަޞީހު މުޙައްމަދު ވަނީ އެ މަސައްކަތް ޤައުމީ ސަލާމަތު ކޮމެޓީއަށް ފޮނުއްވާފައެވެ.

ޤާނޫނު އަސާސީގެ 115ވަނަ މާއްދާގައި ބުނެފައިވަނީ ބޭރު ޤައުމުތަކާއެކު ދިވެހިރާއްޖެއިންވާ އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ ބާވަތްތަކުގެ އެއްބަސްވުންތަކުގައި އަދި އެނޫންވެސް އެއްބަސްވުންތަކުގައި ސޮއިކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުމާއި އެކުގައި ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ ޗައިނާއާއެކު ދިވެހިރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުން ނިންމެވީ މިއަދުއެވެ.

މި މައްސަލައާ ގުޅޭ އިތުރު ޖަލްސާއެއް މިއަދުގެ އެހެން ވަގުތެއްގައި ބާއްވާނެ ކަމަށް މިއަދު މެންދުރުފަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާން ކުރައްވާފައެވެ.