ތަޢުލީމު

އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ އަންނަ މަހު ބާއްވަނީ


މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ އަންނަ މަހު ބާއްވަން ނިންމައިފިއެވެ. މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯއަކީ ހުރިހާ ދާއިރާއަކަށް އަމާޒުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުންނަ ތަޢުލީމާއި، ތަމްރީނުތަކުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ފެއާރއެކެވެ.

އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑާއި، ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސް، ލެކްސް ގުޅިގެން އިންތިޒާމްކުރާ މިފެއާރ ކުރިއަށްދާނީ އަންނަ މާރޗްމަހުގެ 30 ން ފެށިގެން 3 ދުވަހުގެ މުއްދަތަށް ދަރުބާގޭގައެވެ.

މިފެއާރގައި ރާއްޖޭގެ ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުން ހަތްދިހައަށްވުރެ ގިނަ އިންސްޓިޓިއުޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގެރޭސިވިލާތުގެ އިންސްޓިޓިއުޓުތައް ހިމެނެއެވެ. މި ފެއަރގައި ކޯސްތަކުގައި ރަޖިސްޓްރީވުމާއި، ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލާނެއެވެ. މިފެއާރއާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢޫލޫމާތު ދެއްވަމުން އަސަރީ ސަރވިސަސްގެ އެގްޒެކެޓިވް ކޯޕަރޭޓް ސްޓްރެޓަޖީ ޢާއިޝަތު މުޢީނާ ވިދާޅުވީ މަތީ ތަޢުލީމާއި ގުޅޭ މަޢުލޫމާތުތަކާއި ކެރިއަރ ގައިޑެންސްގެ އިތުރުން ޕާރސަނަލިޓީ ޑިވެލޮޕްމަންޓް ވޯރކްޝޮޕްތައްވެސް މިފެއަރގައި ކުރިއަށްދާނެކަމަށެވެ.

"ސްކޫލް ކުދިންނަށް އެކަންޏެއްނޫން މިކަހަލަ ފެއާރތައް ޚާއްސަކޮށް ހަޔަރ އެޑިއުކޭޝަންގެ ފެއަރތައް މި ޚާއްސަވަނީ. މިހާރު ހަމަ ބައިވަރު ގާތްގަނޑަކަށް މަސައްކަތްކުރާ މެޖޯރިޓީ މީހުން މިހާރު ރާއްޖޭގައި ކިޔަވަމުންދަނީ. ޕާރޓް ޓައިމްކޮށް ކިޔަވަނީ. އެހެންވީމަ ޕާރޓް ޓައިމްކޮށް ކިޔަވޭނެ، ރާއްޖޭގައި ހުރެގެންވެސް ހަމަ އެބަހުރި ރާއްޖެއިން ބޭރުގެ ސެޓްފިކެޓްތައް ހޯދޭނެ ގޮތް. ރާއްޖޭގެ އިންސްޓިޓިއުޓްތަކުގައި ކިޔަވައިގެން ވެސް އެބަހުރި ހަމަ އިންޓަރނޭޝަނަލް ރިކޮގްނައިޒްޑް އިންސްޓިޓިއުޓްތަކުން ސެޓްފިކެޓްތައް ހޯދޭނެ ފުރުޞަތުތައް ވެސް. އެހެންވީމަ މި ޕްލެޓްފޯމަކީ ވޯރކްކުރާ ފަރާތްތަކަށް ވެސް ވަރަށް މުހިންމު، ވަރަށް ބައިވަރު މަޢޫލޫމާތު ތަކެއް ލިބިގެން ދާނެ" މުޢީނާ ވިދާޅުވިއެވެ. 

މިފެއަރއާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސް ލެކްސްގެ ޖެނެރަލް މެނޭޖަރ ހުސްނީ ރައުފް ވިދާޅުވީ ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ ވިސާގެ ކަންތައްތައްވެސް މިފެއަރގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށެވެ.

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ނިމުނު އަހަރު ވެސް ބާއްވާފައިވެއެވެ. ސާޅީހަށްވުރެ ގިނަ ސްޓޯލާއެކު ކުރިއަށް ގެންދިޔަ އެފެއަރގައި ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެފައިވެއެވެ.