ތަރައްްޤީ

އިޤްތިޞާދީ ދުވެލި މިއަހަރު 4.4 އިންސައްތަ ކުރިއަރާނެ- ރައީސް


ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިއަހަރު 4.4 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެއްވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިއަދު ދެއްވި ރިޔާސީ ބަޔާނުގައި، ރާއްޖޭގެ އިޤްތިޞާދީ ކާމިޔާބީއާއި ތަޞައްވުރުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤްތިޞާދު 2016 ވަނަ އަހަރު ކުރިއަރާފައިވާ ނިސްބަތަކީ 3.9 އިންސައްތައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، 2016 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ހިނގައިދިޔަ ގޮތުގެ މައްޗަށް ތަފްޞީލްކޮށް ބައްލަވާލެއްވިއެވެ. އަދި މިއަހަރަށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ލަފާކުރައްވާގޮތާއި ރާއްޖޭގެ އިންފްލޭޝަން ހުރިގޮތްވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން ރޭޓު، ވޭތުވެދިޔަ އަހަރު އެވްރެޖްކޮށް ހުރީ 0.4 އިންސައްތައިގައިކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުވެސް ތަކެތީގެ އަގު އުފުލެމުންދާ މިންވަރު 2 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއަހަރުވެސް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިގެންދާނީ، އިންފްލޭޝަން ރޭޓު 2 ޕަސެންޓަށްވުރެ ދަށުގައި ބެހެއްޓެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ނިސްބަތް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 0.5 ޕަސެންޓްގައެވެ.

" 2016 ވަނަ އަހަރު ދައުލަތަށް 18.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 22.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވޭ. 2017 ވަނަ އަހަރު ނިޔަލަށް 22.2 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވިފައިވޭ. އެހެންކަމުން، 2017 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް ކުޑަކުރެވި، ޕްރައިމަރީ ބެލެންސް 1.1 ބިލިއަން ރުފިޔާއިން އަރަނިވާނެކަމަށް ބެލެވޭ. 2017 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ޑެފިސިޓްގެ ނިސްބަތް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 0.5 ޕަސެންޓްގައި." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު ނިސްބަތުން 3.9 އިންސައްތަ ކުރިއަރާފައިވާކަމަށެވެ. އަދި މި އަހަރު ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، 4.7 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. މިދިޔަ އަހަރު ބޮލަކަށްޖެހޭ އާމްދަނީގެ ނިސްބަތް ހުރީ 8063 ޔޫ.އެސް. ޑޮލަރުގައެވެ. ސަރުކާރުން ހިންގާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯއްދެވުމަށް 2016 ވަނަ އަހަރު ނިމުނުއިރު، 4.79 ބިލިއަން ދިވެހި ރުފިޔާގެ 5 ލޯނެއްގައި ސޮއިކުރެވިފައިވެއެވެ.

2017 ވަނަ  އަހަރުގެ ތެރޭގައިވެސް ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ފަންޑުކުރުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ރައީސް ފާހަގަކުރެވި ގޮތުގައި ޓޫރިޒަމްގެ ޞިނާޢަތް ފިޔަވައި އެހެން ޞިނާޢަތްތަކުގައި 56 އިންވެސްޓްމަންޓެއް ރަޖިސްޓަރީކޮށްދެވިފައިވެއެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ޓޫރިޒަމްގެ ޞިނާޢަތް ފިޔަވައި އެހެން ޞިނާޢަތްތަކުގައި 56 އިންވެސްޓްމަންޓެއް ވަނީ ރަޖިސްޓަރީކޮށްދެވިފައި. މި އިންވެސްޓްމަންޓްތަކުން 5 އަހަރު ދުވަހުގެ ތެރޭގައި، 1.483 ބިލިއަން ޔޫ.އެސް. ޑޮލަރު، ފަށާ އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުށަހަޅާފައިވޭ. "  ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި ގޮތުގައި ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރެއްވުމަށް ސަރުކާރުން ފަށްޓާފައިވާ މަސައްކަތްތަކުގެ ދަށުން ކްރެޑިޓް ގްރެންޓީ ސްކީމް 50 މިލިއަނުން 100 މިލިއަނަށް ވަނީ އިތުރުކުރައްވާފައެވެ. އަދި ރަހުނު ނުލައި ލޯނު ލިބޭނެ މަގު، އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ނުވަތަ ވިޔަފާރި ފުޅާކުރާ ފަރާތްތަކަށް ފަހިކޮށްދެއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.