ޚަބަރު

ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށްޓަވަނީ


ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި އިއްވެވި ރިޔާސީ ބަޔާންގައި، ވޭތުވެދިޔަ އަހަރު ޤައުމު ހިންގެވުމުގައި ގެންގުޅުއްވި ސިޔާސަތާއި އެ ސިޔާސަތުގެ ދަށުން އެކި ކަންކަން ޙާޞިލްކުރެއްވުނު މިންވަރު ބަޔާންކުރައްވާފައިވެއެވެ. އަދި މި ހިނގާ އަހަރު ދައުލަތުގެ ކަންކަން ބައްޓަންކުރައްވާނެ ގޮތްވެސް، މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ، ރައްޔިތުންނަށް ބޭނުންވެފައިވާ ވަރަށްގިނަ ކަންތައްތައް ފުއްދައިދެއްވުމުގައި ސަރުކާރުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކުރެއްވި އަހަރެއްކަމަށެވެ. އަދި ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް ތަރައްޤީގެ މަސައްކަތްތައް ހިނގާފައިނުވާ ހަލުވިމިނެއްގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިނގައިދިޔަ އަހަރެއްކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ގޮތުގައި، ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގެވުމަށް ނިންމަވާފައިވެއެވެ. އަދި  އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި މަޝްރޫޢު ފަށްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް އެމަނިކުފާނު އިސްކުރައްވާނީ ޤައުމުގެ މަޞްލަޙަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

" ކޮންމެ ކަމެއްގައިވެސް އަޅުގަނޑު އަބަދުވެސް އިސްކުރާނީ، މި ލޮބުވެތި ޤައުމުގެ މަޞްލަޙަތުކަން ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މިއަދުވެސް ޔަޤީންކޮށް އަރުވަން. ރައްޔިތުންގެ އަބުރު ރައްކާތެރިކޮށް، ރައްޔިތުން ޙިމާޔަތްކޮށް، ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، ޤައުމުގައި އަމަންއަމާންކަން ޤާއިމުކުރުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދު. އެ  ވަޢުދު ފުއްދުމަށް މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ސަބަބުން، މީގެކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް އަތުވެއްޖެ." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުށްކުރުމުގެ ޙާލަތާއި އަދި ކުށުގެ ވެށްޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްނަންގަވައިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ހައްދަވަން ފަށްޓަވާފައިވާ ދިރާސާގެ ފުރަތަމަ ނަތީޖާތަކަށް ބަލާއިރު، 2014 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި ކުށްކުރެވޭ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ އުފަލާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ، ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް އަވަހަށް ފުއްދައިދެއްވުން ކަމަށެވެ.

"މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެން ދިޔައިރު، މާތްﷲ ގެ ވާގިފުޅާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިމިގެން ހިނގައްޖެ. ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ. އަމާންކަމާއި ހަމަޖެހުން ޤާއިމުކުރެވިއްޖެ." ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި އުންމަތަށް ފާގަތި ދުވަސްތަކެއް ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.