ތިމާވެށި

4 ރަށެއްގެ ނަރުދަމާ ޑިޒައިންކުރުން ފެނަކަ ކޯޕަރޭޝަނަށް


ހަތަރު ރަށެއްގެ ނަރުދަމާ ނިޒާމް ޑިޒައިންކުރުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާ ހަވާލުކުރައްވައިފިއެވެ. 

އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްވުމުގެ ސިޔާޞަތުގެ ދަށުން ނަރުދަމާ ނިޒާމް އަލަށް ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވާ ހަތަރު ރަށަކީ، ށ. ފީވަށް، ރ. އިންނަމާދޫ، ފ. ބިލެއްދޫ އަދި ގދ.މަޑަވެލީގައެވެ. 

މި ހަތަރު ރަށުގެ ނަރުދަމާ ނިޒާމް ޑިޒައިންގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މިކަމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފުއެވެ.  

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޠާރިޤް ވަނީ ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. އަދި މި 4 ރަށުގެ ނަރުދަމާގެ ޑިޒައިންގެ މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ކުރައްވާނެ ފަރާތެއް ހޯއްދެވުމަށް އިޢުލާން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާ ހަލުވި ސްޕީޑުގައި މަސައްކަތްތައް ކުރެވުންދާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންވެސް ސަރުކާރާ އެއްކޮށް ތިއްބެވިކަމަށް ވަންޏާމު މަސައްކަތް މިއަށްވުރެ އަވަސްކޮށް ކުރެވިގެންދާނެއޭ. އަދި މިކަހަލަ އަސާސީ ޚިދުމަތްތައް ރައީސް ޔާމީންގެ ދަޢުރުގައި އާބާދީގެ ބޮޑު ޕަސެންޓަކަށް ފޯރުކޮށްދެވިގެންދާނެކަންވެސް އަޅުގަނޑު ޤަބޫލްކުރަން" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަދަދައްކަވަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، ފެނާއި ނަރުދަމާގެ ޑިޒައިންކުރުމުގެ ވަޞީލަތްތައް އެކުންފުނީގައި މިހާރު ޤާއިމްކޮށްފައިވާކަމަށާއި އަދި މުސްތަޤްބަލުގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ކުރެވޭނެ ފަދަ ޤާބިލް ކުންފުންޏަކަށް އެކުންފުނި ހައްދަވާނެކަމަށެވެ. 

ޝަރީފް ވިދާޅުވީ، މިއެއްބަސްވުމުގައިވާ މުއްދަތަށް މި ހަތަރު ރަށުގެ ނަރުދަމާ ނިޒާމްގެ ޑިޒައިންގެ މަސައްކަތް ނިންމާ މިނިސްޓްރީއާއި ހަވާލުކުރައްވާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިހާރު ފެނަކަ ކޯޕަރޭޝަންގައި އީއައިއޭ ހަދައި ޑިޒައިން ކުރުމުގެ ކެޕޭސިޓީ މިހާރު ވަނީ ފެނަކަ ކޯޕަރޭޝަންގައި އުފައްދާފަ. އަދި ކުރިމަގުގައިވެސް އިރާދަކުރެއްވިއްޔާ ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ބިލްޑް ކުރުމުގެ ކެޕޭސިޓީވެސް ވަރަށް އަވަސް މުސްތަޤްބަލެއްގެތެރޭގައި ފެނަކަ ކޯޕަރޭޝަންގައި ޤާއިމް ކުރެވޭނެ" ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވިއެވެ. 

ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާވާ މި މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ޙަވާލު ކުރައްވާފައިވަނީ 2.1 މިލިޔަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅުއްވާފައިވަނީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހެވެ.