ޚަބަރު

ފެނުނު ވަޒަނަކީ ގިރިފުށިން ހިންމަފުށްޓަށް ފޯރާނެ ވަޒަނެއް ނޫން !


ކ. ހިންމަފުށީގެ ގެއެއްގެ ދޮރަށް އަރާފައިވާކަމަށް ބުނާ ވަޒަނަކީ ކ. ގިރިފުށި ޓްރެއިނިންގ ސެންޓަރުން ކ.ހިންމަފުށްޓަށް ފޯރާނެ ވައްތަރުގެ ވަޒަނެއް ނޫންކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވައިފިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ ހިންމަފުށީ ގެއެއްގެ ދޮރަކަށް ވަޒަނެއް އެރިކަމަށް ބުނެ މީޑިއާގައި ރިޕޯޓްކުރި ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ފަރާތުން ވަގުތުން އެކަން ބެއްލެވިކަމަށެވެ. އަދި ހިންމަފުށިން ފެނުނު ވަޒަނަކީ ކ.ގިރިފުށި ޓްރެއިނިންގ ސެންޓަރުން ކ.ހިންމަފުށްޓަށް ފޯރާނެ ވައްތަރުގެ ވަޒަނެއް ނޫންކަން ހާމަވެގެންދިޔަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ދިވެހި އަސްކަރިއްޔާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދާ މަރުކަޒުތަކަކީ، އަބަދުވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ޤާއިމްކޮށްފައިވާ މަރުކަޒުތަކެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ވަކިން ޚާއްޞަކޮށް ހަތިޔާރާއި ވަޒަން ބޭނުންކޮށްގެން ހިންގާ ތަމްރީނުތަކަކީ، އޭގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ މުދަލަށް އެއްވެސް ގެއްލުމެއް ނުވާނެގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވިގެން ހިންގާ ތަމްރީނުތަކެއްކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ. 

އެހެން ކަމުން ދިވެހި އަސްކަރިއްޔާއިން ހިންގާ ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރާ ގުޅުންހުރި އެއްވެސް ތަމްރީނެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކޮށްދޭކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.