ކުޅިވަރު

މެސީގެ ރެކޯޑާއިއެކު ބާސެލޯނާއިން މޮޅުވެ ރިއާލްއާއި ކައިރިކޮށްފި


ލަޔަނަލް މެސީގެ ރެކޯޑާއިއެކު ބާސެލޯނާ ލަލީގާގައި ރޭ އެޓީމް ކުޅުނު މެޗް ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ އެތްލެޓިކް ބިލްބާއޯއާއި ދެކޮޅަށް ކުޅުނު މެޗް ބާސެލޯނާ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޕަކޯ އަލްކަސަރއެވެ. މީ ބާސެލޯނާއަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. ދެވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން މެސީ ޖެހިއިރު، އަނެއް ލަނޑު ޖަހައިދިނީ އެލެކްސް ވިދާލްއެވެ. 

ރޭގެ މެޗުގައި މެސީ ޖަހައިދިން ގޯލަކީ އޭނާ ބާސެލޯނާއަށް ހިލޭ ޖެހުމުން ޖަހައިދިން 27ވަނަ ލަނޑެވެ. އަދި މި ލަނޑާއިއެކު އޭނާވަނީ ބާސެލޯނާގެ ތާރީޚުގައި ހިލޭ ޖެހުމުން އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔޭގެ ރެކޯޑް މުގުރާލާފައެވެ. 26 ގޯލާއިއެކު މި ރެކޯޑް ކުރިން އޮންނަނީ މިހާރު އެވަޓަންގެ ކޯޗަކަށްހުރި ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑް ކޮއެމަން އަތުގައެވެ. 

ރޭގެ މެޗުގައި ބާސެލޯނާ ޖެހި ތިން ގޯލާއިއެކު އެޓީމްވަނީ މި ސީޒަންގައި 100 ގޯލް ޖެހި ފުރަތަމަ ޓީމަށްވެފައެވެ. ޔޫރަޕްގެ ހުރިހާ މުބާރާތެއްގައި 100 ލަނޑު ރޭ މޮނާކޯވެސްވަނީ ހަމަކޮށްފައެވެ. 

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސެލޯނާވަނީ ލީގް ތާވަލްގެ އެއްވަނާގައި އޮތް ރިއާލް މެޑްރިޑާއި ދެމެދުގައި އޮތް ފަރަޤު އެއް ޕޮއިންޓަށް ކައިރިކޮށްލާފައެވެ. 46 ޕޮއިންޓާއިއެކު ރިއާލް އެއްވަނާގައި އޮތްއިރު، 45 ޕޮއިންޓާއިއެކު ބާސެލޯނާ އޮތީ ދެވަނާގައެވެ. އެހެންނަމަވެސް ބާސެލޯނާ ދެވަނާގައި އޮތީ ރިއާލަށްވުރެ ދެ މެޗް އިތުރަށް ކުޅެގެންނެވެ. 

ލަލީގާއި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ފެނާންޑޯ ޓޮރޭޒްގެ ދެ ގޯލާއިއެކު 2-0ން އެތްލެޓިކޯވަނީ ލެޚަނޭސް ބަލިކޮށްފައެވެ.