ތަޢުލީމު

އެމްއެންޔޫއާ ޕީއެސްއެމް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެއްޖެ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއާ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވުން އޮތީ މިއަދު ހެނދުނު ރޭޑިއޯ ބިލްޑިންގގެ ސެނެކޯ މާލަމުގައެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ޤައުމީ ޔުނިވާރސިޓީ ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ސޮއިކުރެއްވި ފަހުމުނާމާގައި ޤައުމީ ޔުނިވާރސިޓީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޚަލީލްއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޚަލީލް ވިދާޅުވީ ޤައުމުގައި ހިނގާ ކަންކަން ނޫސްވެރިން ރިޕޯޓްކުރާއިރު، ވިސްނުންތެރިކަމާއިއެކު ރިޕޯޓް ކުރަން ޖެހޭ ކަމަށާއި، ނޫސްވެރިންނަކީ ދިރާސާ ކުރަންޖެހޭ ބައެއް ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަންކަން ފެންނަނީ މަދުން ކަމަށް ޚަލީލް ވިދާޅުވިއެވެ. ޚަލީލް ވިދާޅުވީ ނޫސްވެރިޔާއަކީ ވެސް އަދި ޕްރޮގްްރާމެއް ޕްރޮޑިއުސްކުރާ ޕްރޮޑިއުސަރަކީވެސް އެކަމުގެ ތަޢުލީމް ލިބިފައިވާ މީހަކަށްވާންޖެހޭ ކަމަށެވެ.

"އެކި ދާއިރާތަކުން ނޫސްވެރިން ތިބެންޖެހޭނީ ޢިލްމު އުނގެނިގެން. މިސާލަކަށް ބަލާނަމަ، އިޤްތިޞާދީ ދާއިރާ، ތަރައްޤީގެ ދާއިރާއިންވެސް އެކަންކަން ރިޕޯޓް ކުރަންޖެހޭނީ ތަރައްޤީ އެނގޭ ނޫސްވެރިން. އޭވިއޭޝަންގެ ކަންކަން ރިޕޯޓް ކުރަންޖެހޭނީ އެކަންކަން އެނގޭ ނޫސްވެރިން،" ޚަލީލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފް ވިދާޅުވީ ޚަބަރެއް ފެތުރުމަކީ ހަމައެކަނި އެ ހިނގާ ކަމެއް ރިޕޯޓް ކުރުން ނޫން ކަމަށެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރގެ ވާހަކަފުޅަށް ބާރުދެއްވާ ފަވާޒުވެސް ވިދާޅުވީ ނޫސްވެރިންނަކީވެސް އަދި ޕްރޮޑިއުސަރުންނަކީވެސް ދިރާސާ ކުރާ އެކަން ކުރަން ދަންނަ ބަޔަކަށްވާންޖެހޭ ކަމަށެވެ.

"ކޮންމެ ޚަބަރެއް ޢާންމުންނާއި ހަމައަށް ގެނެސްދޭއިރުގައި ހުންނަން ޖެހޭނެ ދިރާސާކޮށްފައި. ހަމަ އެކަނި ކަންވީގޮތް ކިޔާލުމަކީ ޚަބަރަކަށް ވެގެން ނުވާނެ އަޅުގަނޑުގެ ނަޒަރުގައި،" ފަވާޒު ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ޤައުމީ ޔުނިވާރސިޓީ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާގައި ސޮއިކުރުމަށް އަޑުގެ ސެނެކޯ މާލަމުގައި ބޭއްވީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ، ޤައުމީ ޔުނިވާރސިޓީއާ ޕީއެސްއެމް ގުޅިގެން ދިވެހި ޤައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވޭނެ ކަމަށެވެ. އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ ތަޞައްވަރަކީ އެ ކުންފުނީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނިއު މީޑިއާގެ ވަޞީލަތްތައް ޤާއިމްކުރުން ކަމަށާއި އެކަންކަމަށް ފަންނީ ލަފާ ހޯދުމުގެ ފަސޭހަކަން މި ފަހުމުނާމާގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ.

ޕީއެސްއެމްއާ ޤައުމީ ޔުނިވަރސިޓީ ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ ފަހުމުނާމާގެ ސަބަބުން، ޔުނިވަރސީޓިން ބޭނުންވާ އެހީތެރިކަން އެފަރާތަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ޕީއެސްއެމްއިން ބޭނުންވާ އެހީތެރިކަން ޔުނިވަރސިޓީންވެސް މި ފަހުމުނާމާގެ ދަށުން ދެއްވަންޖެހެއެވެ. ޕީއެސްއެމްއިން ބުނީ މި ފަހުމުނާމާގެ ސަބަބުން އެ ކުންފުނީގެ ކޮންޓެންޓް އިތުރަށް ރަނގަޅުވަމުން އަންނާނެ ކަމަށާއި މުވައްޒަފުންގެ ވިސްނުމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ