ރިޕޯޓް

ރަނިންހަނާ ފެންގަނޑު - ރާއްޖޭގެ ތާރީޚާ ގުޅުންހުރި ފެންގަނޑެއް


އައްޑޫ ސިޓީ ހިތަދޫ އޮޑައްސަލި ވަލުގައި އޮންނަ ފެހި ކުލައިގެ ފެންގަނޑަކީ އެއަތޮޅުގެ ތާރީޚާ ގުޅިފައިވާ ތަނެކެވެ. މި ފެންގަނޑަށް މި އަތޮޅު މީހުން ކިޔާ އުޅެނީ ޕަރީންހަނާ ފެންގަނޑު ނުވަތަ ރަނިންހަނާ ފެންގަނޑެވެ. މިއީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ސަރަޙައްދެކެވެ.

ބުނެވޭ ގޮތުގައި ވަރަށް ކުރީގެ ޒަމާނެއްގައި ގައުފުށީ ކަޅުއިބްރާހީމް ނަމަކަށް ކިޔާ މީހަކު އުޅުނެވެ. އެއީ އެޒަމާނުގެ ހެވިކަމަށް ކުޅަދާނަ ވަރުގަދަ ފަހުލަވާނެކެވެ. ދައުލަތުގެ ނުފޫޒުގަދަ މީހެކެވެ. އޭނާއަކީ ރާއްޖޭގެ ރަސްކަމާވެސް ގުޅުންހުރި މީހެއްކަމަށް ބުނެވެއެވެ. އެނާއަކީ އައްޑޫގެ އަސްލު ވަޒަންވެރިއެއްކަމެއް ނުވަތަ ނޫންކަމެއް އެގޭކަން ނެތެވެ. 

ގައުފުށީ ކަޅުއިބްރާހީމް އަކީ މަސްވެރިކަންކޮށް ނައުފަހަރުގައި ދަތުރުކޮށް އުޅުނު މީހެއްްކަމަށް ތާރީޚީ ފަތްފުތްތަކުން އެނގެއެވެ. ގައުފުށީ ކަޅުއިބްރާހީމާއި އެނާގެ އަންހެނުން ދިރިއުޅެމުން ދިޔައީ ގައުކޯއްޓޭ ކިޔާ ގަނޑުވަރެއްގައި ކަމަށް ބުނެވެއެވެ. މި ސަރަހައްދު މީހުން އުޅުނުގެ ނިޝާންތައް އަދިވެސް ފެންނަން އެބަހުއްޓެވެ. ވަލުތެރޭގައި މިހާރު ފޮރުވިފައިވާ މި ސަރަހައްދުން ގަބުރަސްތާނުތަކާއި  ޒިޔާރަތްތަކާއި، މަހާނަތައް އަދިވެސް ފެންނަން އެބަހުއްޓެވެ.

img:http://s1.psmnews.mv/images/660x400/14862253697905.jpg|ހިތަދޫ އޮޑައްސަލި ވަލުގައި އޮންނަ ރަނިންހަނާ ފެންގަނޑު / ފޮޓޯ: ޕީއެސްއެމް

ގައުކޯއްޓޭ ކިޔާ ގަނޑުވަރެއްގައި އޮންން ރަނިންހަނާ ފެންގަނޑަކީ ކަޅުއިބްރާހީމުގެ އަންހެންނުން ކާންޒީކަމަނާ ނާނޭފުޅު ފިއްލެވުމަށް، ކަޅު އިބްރާހީމް ހަދައިދިން ފެންގަނޑެއް ކަމަށް ބުނެވެއެވެ. އޭރު މި ފެންގަޑު ހަދާފައިވަނީ ވަށައިގެން ހަތާޖަހައިގެން ވަރަށް ރީއްޗަށްކަމަށް އައްޑޫގެ ދުވަސްވީ މީހުން ބުނެއެވެ. މި ފެންގަޑު ހަދާފައިވަނީ ދިޔަވަރު ބޮޑުވުމުން މޫދުން ލޮނު އެ ސަރަހައްދަށް ވަންނަ ގޮތަށެވެ. އަދި ދިޔަވަރު ހިކުމުން މޫދަށް ލޮނު ބޭރުވާ ގޮތަށެވެ.

މިފެންގަނޑު މިހާރުވެސް ފެންނަން އެބައޮތެވެ. އެހެންނަމަވެސް މުޅިން ތަފާތުކޮށެވެ. ވަށައިގެން ދިއްގާ ގަސްތައް ހެދިފައި އޮތް ނަމަވެސް އެ ސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން އަދިވެސް އެސަރަޙައްދުން ފެންނަން އެބަހުއްޓެވެ. ތަފާތު ދިރުންތައްވެސް ފެންނަން އެބަހުއްޓެވެ. ރަނިންހަނާ ފެންގަޑުގެ ޗާލުކަމާއި ނަލަކަން މިހާރަކު ފެންނާކަށް ނެތެވެ. އެ ފެންގަނޑު ވަށައިގެން ކުރިން ޖަހާފައިހުރި ހަތާތައް ވެސް ފެންނާކަށްނެތެވެ. ދިރިއުޅުމަށް އައި ބަދަލުތަކާއި އެކު އެ ސަރަހައްދުން ބައެއް ތަކެތި އަމިއްލަ ބޭނުންތަކަށް މީހުން ގެންދަންފެށިއެވެ. ތާރީޚު ދިރާސާކުރައްވާ އިބްރާހިމް ފިރާޤު ވިދާޅުވީ ރަނިންހަނާ ފެންގަޑުގެ ވަށާޖަހާފައި ހުރި ހަތާތައްވެސް ހުސްވީ އެކި ބޭނުންތަކަށް އާއްމުން އެތަކެތި ނެގުމުންކަމަށެވެ.

img:http://s4.psmnews.mv/images/660x400/14862254161148.jpg|ހިތަދޫ އޮޑައްސަލި ވަލުގައި އޮންނަ ރަނިންހަނާ ފެންގަނޑު / ފޮޓޯ: ޕީއެސްއެމް

ރަނިންހަނާ ފެންގަޑުގެ އަދިވެސް ފެންނަން އޮތް ނަމަވެސް ކާންޒީކަމަނާއަށް ބިނާކޮށްދެއްވި ތާރީޚީ ގަނޑުވަރު މިހާރު ފެންނާކަކަށްނެތެވެ. ފިރާޤް ވިދާޅުވީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިގިރޭސީން އައިސް އެތަންތަން ތަޅާލާފައިވާކަމަށެވެ. އަދި އިނގިރޭސީން އެގޮތަށް ކަންކުރީ ގަނޑުވަރު ހުރި ސަރަހައްދަކީ އެމީހުންނަށް ބޭނުންވާ ސަރަހައްދަކަށް ވުމުންކަމަށެވެ. 

ގަނޑުވަރު ތަޅާޅުމަށްފަހު އިނގިރޭސީން ކޭމްޕް ޖަހާފައިވަނީ އެ ސަރަހައްދުގައެވެ. އެ ދުވަސްވަރު އެމީހުން ބޯން ބޭނުންކުރި ފެނާއި އެހެނިހެން ބުއިންތައް ހުސްކުރި ފުޅިފަދަ ކުނިބުނި އުކަމުންދިޔައީ އެފެންގަނޑަށް ކަމަށްވެއެވެ. ނަތީޖާއަކީ އެތަނުގެ ރީތިކަމާއި އަސްލު ގެއްލިގެން ދިޔުމެވެ.

ކޮންމެ އަކަސް މިއީ ދިވެހިންގެ ތާރީޚާ ގުޅުންހުރި ތަނެކެވެ. ސަގާފަތާ ގުޅިފައިވާ ތަނެކެވެ. އައްޑޫގައި، ފަތުރުވެރިކަން ފުޅާވެގެން އަންނައިރު ފަތުރުވެރިންގެ ޝައުގުވެރިކަން މިތަނަށް ލިބެމުން އާދެއެވެ. މީ ސަރުކާރުން ހިމާޔަތްކުރައްވާފައިވާ ސަރަޙައްދަކަށް ވީނަމަވެސް ހިތާމައަކީ ބައެއް މީހުން މި ސަރަހައްދަށް ގެއްލުން ދެމުންދެއެވެ. މި ސަރަޙައްދު ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށް ދިނުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. އަމިއްލަ އިސްނެގުމާއި އެކު ތާރީޚީ މި ސަރަހައްދު ހިމާޔަތްކުރުމުގައި އެންމެ އެކީގައި މަސައްކަތް ކުރަންޖެހެއެވެ.