ތަރައްްޤީ

ބްރިޖާއެކު ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު ހުޅުމާލެ ފޭސް 1 ގެ މަގުތަކާއި ޓްރެފިކް ފްލޯއަށް ގެންނަންޖެހޭ ބަދަލުތައް މިއަހަރު ގެންނާނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕްރޭޝަން، އެޗްޑީސީން ބުނެފިއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރެއްވުމަށް ޚާއްޞަ ޕްލޭނެއްގެ ދަށުން ތަރައްޤީ ކުރައްވާ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތިރީސްހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދެއެވެ. ހުޅުމާލޭގައި ދިރިއުޅޭ އާބާދީގެ ވަޒީފާ އަދާކުރާ މީހުންގެ ބޮޑު އިންސައްތައެއް ވަޒީފާއަދާކުރަނީ މާލޭގައެވެ. މާލެއާއި ހުޅުމާލެ ގުޅުވާލުމަށް އަޅަމުންދާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، މާލެއަށް ވަޒީފާ އަދާކުރުމަށާއި އެހެނިހެން ބޭނުންތަކަށް އަންނަ މީހުންނަށް ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަ ވެގެންދާނެއެވެ. މިއާއެކު ހުޅުމާލޭގައި ވެހިކަލް އިތުރުވާނެއެވެ. މިކަންކަމަށް ބަލައި، ދުރާލައި ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ޕާރކިން ސްޕޭސް އިތުރުކުރުމާއި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމުގެ މސައްކަތް މިއަހަރު ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނިމި ބްރިޖް ހުޅުވަންވާއިރަށް ހުޅުމާލެ ފޭސް 1 ގެ މަގުތަކާއި ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މިހާރު ހުރި ޕާކިންގ ސްޕޭސް އިތުރުކުރުންވެސް މީގެތެރޭގައި ހިމެނޭ ކަމަށާއި، ހުޅުމާލޭގެ ތަރައްޤީގެ ޕްލޭންގެ ކޮންސަލްޓެންޓުންވެސް މިކަމަށް ލަފާދީފައިވާ ކަމަށް ސައިމަން ވިދާޅުވިއެވެ.

"މާލެއާ ހުޅުމާލެ ގުޅުވާލުމުން ޓްރެފިކަން އަންނާނެ ބަދަލްތައް ސިންގަޕޫރުގެ ކޮންސަލްޓެންޓުންވެސް ލަފާދީފައި އޮތީ، ފޭސް އެކެއްގައި އިތުރުކުރަންޖެހޭ ޕާކިންގ ސްޕޭސް އިތުރުކުރުންވެސް މި އަހަރު ކުރިއަށްދާނެ،" އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

ބްރިޖާ ގުޅިގެން ހުޅުލެއާއި ހުޅުމާލެއާ ދެމެދުވެސް މަގެއް ތަރައްޤީ ކުރުމަށް ނިންމަވައި، އެ މަސައްކަތް ސަރުކާރުން މިހާރު ވަނީ އެޗްޑީސީއާ ޙަވާލުކުރައްވާފައެވެ. ހައިވޭއެއްގެ ގޮތުގައި ތަރައްޤީކުރައްވާ މި މަގުގެ ޢަމަލީ މަސައްކަތް މިމަހު ފެށުމަށް ވަނީ ތާވަލްކުރައްވާފައެވެ. ހުޅުމާލެއަކީ މާލެ ސަރަޙައްދަށް ބަލާއިރު ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށްދާ އެއް ރަށެވެ.