ވިޔަފާރި

އައްޑޫ ސިޓީގެ ގެސްޓްހައުސް ވިޔަފާރި ހަލުވި ދުވެލީގައި ކުރިއަރަނީ


އައްޑޫ ސިޓީއަށް އަންނަމުންދާ ތަރައްޤީއާއެކު ގެސްޓްހައުސް ވިޔަފާރި އަންނަނީ ހަލުވި ދުވެލީގައި ކުރިއަރަމުންނެވެ. އައްޑޫގައި ކާމިޔާބު ކަމާއެކު ގެސްޓް ހައުސް ވިޔަފާރި ފުޅާކުރެވިދާނެ ކަމަށް ވިޔަފާރިކުރާ ފަރާތްތަކުން ދެކެއެވެ.

ރާއްޖޭގެ އިޤްތިސާދުގައި އެންމެ ބޮޑު ޙިއްޞާއެއް އަދާކުރާ ސިނާއަތަކީ ފަތުރުވެރިކަމެވެ. މި ސިނާއަތް އިތުރަށް ފުޅާވެ ގިނަ ރިސޯރޓްތަކެއް މާކެޓަށް ނެރެމުންދާއިރު މެދު ފަންތީގެ ފަތުރުވެރިކަމުގެ ގޮތުގައި ގެސްޓް ހައުސް ވިޔަފާރިއަކީވެސް މިހާރު ރާއްޖޭގައި ކުރިއަރަމުން ފުޅާވަމުން އަންނަ ވިޔަފާރިއެކެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެ ކުރިއަރަމުންދާއިރު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީގައިވެސް މި ވިޔަފާރި ފުޅާވަމުން އަންނަކަމުގެ ކުލަވަރު މިހާރު މިވަނީ ފެންނަން ފަށާފައެވެ.

އައްޑޫގެ ގުޅިފައިވާ ފަސް ރަށާއި، ހުޅުމީދޫގައިވެސް ވަރަށް ގިނަ ޢަދަދަކަށް މިހާރު ގެސްޓް ހައުސްތައް ހުރިކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އައްޑޫގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރުގެ ދަތިކަމެވެ. އެހެންނަމަވެސް އެ ދަތިކަން ފިލާ ބޭރުގެ އެެއަރލައިންތަކުގެ ސިދާ ދަތުރުތައްވެސް އައްޑޫސިޓީއަށް މިވަނީ ފަށާފައެވެ. އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަން އެއަރލައިންސް މިހާރުވެސް އަންނަނީ ދަތުރުތައް ކުރަމުންނެވެ. ހަމައެއާއި އެކު އިތުރު ބައިނަލްއަޤްވާމީ އެއަރލައިންތައްވެސް ދަތުރުތައްކުރުމަށް މިހާރު އޮތީ ތައްޔާރަށެވެ. އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް އެހީވުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންވެސް އޮތީ ތައްޔާރަށެވެ.

ގެސްޓްހައުސްގެ ވިޔަފާރި ހަލުވިމިނެއްގައި ކުރިއަރަމުންދާއިރު މިއީ މިސިޓީގެ ވިޔަފާރިތަކަށާއި، ޢާންމު ރައްޔިތުންނަށާއި، އިޤްތިޞާދަށްވެސް އެތައް ފައިދާއެއް ކުރާނެ ކަމެކެވެ. އައްޑޫގައި ފަތުރުވެރިކަން ކުރިއަރަންވީ ދުވެލީގައި އެ ސިނާއަތު ކުރިއަރަމުންނުދާކަން ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް މިހާރު ގިނަ ގެސްޓް ހައުސްތަކެއް ހުޅުވާ، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންކަމަށް އެމީހުން ބުނެއެވެ.

މިއީ މިސިޓީގެ ޒުވާނުންނަށް ހުޅުވޭ ވަޒީފާގެ ފުރުޞަތުތަކެއް ކަމަށާއި އައްޑޫ ގެސްޓް ހައުސްތަކަށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވަމުން އަންނަކަންވެސް ވިޔަފާރިވެރިން ފާހަގަކުރެއެވެ. އައްޑޫއަށް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުވާނެ އެތައް ސަބަބުތަކެއް އެބަހުއްޓެވެ.

މިއީ ޤުދުރަތީ ރީތިކަމަކާއި މުއްސަނދިކަމެއް ލިބިފައިވާ ހިތްގައިމު ސަރަޙައްދެކެވެ. އަދި ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ތަންތަން ގިނަ ސަރަޙައްދެކެވެ. އައްޑޫއަށް އަންނަ ފަތުރުވެރިންގެ ޝައުޤު އެތަންތަނަށް ލިބެމުން އާދެއެވެ. އައްޑޫގައި މިހާރުވެސް އެތައް ގެސްޓް ހައުސްތަކެއް ތަރައްޤީކުރުމުގެ މަރުހަލާގައި ހުރިކަން ފާހަގަކޮށްލެވެއެވެ. އައްޑޫ ރައްޔިތުންގެ މިހާރުގެ އުއްމީދަކީ ގެސްޓްހައުސް ވިޔަފާރިއާއި އެއްވަރަށް ޓޫރިސްޓް ރިސޯޓްތައްވެސް ކައިރި މުސްތަޤްބަލުގައި ހުޅުވިގެން ދިއުމެވެ. މިކަމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޓޫރިޒަމް މިނިސްޓަރ ދާދިފަހުން މި ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އިންޓެގްރޭޓެޑް ޓޫރިޒަމް ނުވަތަ މެދު ފަންތީގެ ފަތުރުވެރިކަން މަޝްރޫޢުތަކެއް ވަރަށް އަވަހަށް މި ސިޓީގައި ފަށްޓަވާނެ ކަމަށް ވަނީ ވިދަޅުވެފައެވެ. ގެސްޓްހައުސް ވިޔަފާރިއަކީވެސް ކާމިޔާބުކަމާއެކު ހިންގިއްޖެނަމަ، އެކަމުގެ ސަބަބުން ރަނގަޅު އާމްދަނީއެއް ލިބި، ރަށަށް ބޮޑެތި ތަރައްޤީތަކެއް ލިބޭނެ ވިޔަފާރިއެކެވެ.