ވިޔަފާރި

ފައިދާހުރި ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް 200000 ރުފިޔާ !


ބޭންކް އޮފް މޯލްޑިވްސްއިން އަހަރެންގެ ބޭންކުގެ ނަމުގައި ފެށި ކެމްޕެއިންގެ ދަށުން، މުޖުތަމަޢުއަށް ފައިދާހުރި ޙަރަކާތެއް ނުވަތަ މަޝްރޫޢެއް ހިންގާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ދުއިސައްތަ ހާސް ރުފިޔާ ދޭން ބެންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

ދިވެހި ބޭންކާ ދިވެހި ރައްޔިތުންނާއި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފެށި އަހަރެންގެ ބޭންކް ކެމްޕެއިންގެ ދަށުން ހިންގާ މި ޙަރަކާތުގައި، ސަރުކާރުގެ އިދާރާތައް ނޫން، ހުރިހާ ފަރާތްތަކަކަށްވެސް ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މިގޮތުން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ޕްރޮޕޯސަލްތައް ބަލައިގަންނާނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖަރ، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، މި ކެމްޕެއިންގެ ދަށުން ހުށަހަޅަންވާނީ ރަށަކަށް، ނުވަތަ އެ މުޖުތަމަޢުއަކަށް ފައިދާކުރާނެ ހަރަކާތެއް ނުވަތަ މަޝްރޫޢުއެއްގެ ޕްރޮޕޯސަލްއެއްކަމަށެވެ. މިގޮތުން ހުށަހަޅާ ޕްރޮޕޯސަލްގެ ތެރެއިން އެންމެ ރަގަޅު ފަސް ޕްރޮޕޯސަލްއެއް ބޭންކް އިން ނަގާ ޓީމަކުން އިވެލުއޭޓްކުރުމަށްފަހު އެ ޕްރޮޕޯސަލްތައް ފޭސްބުކް ޕޭޖްގައި ޕަބްލިޝްކުރާނެކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތުން އެންމެ ގިނަ ވޯޓު ލިބޭ ޕްރޮޕޯސަލްއަކަށް ދެ ލައްކަ ރުފިޔާދޭން ނިންމާފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ.

''މަޝްރޫޢުއެއް ހުށަހަޅާއިރު ބޭންކްއިން ކޮމިޔުނިޓީއަށް އެހީތެރިކަންދޭ ދާއިރާތައް، ތިމާވެށި، ކުޅިވަރު، ރަށްރަށުގެ ތަރައްޤީއަށްކުރެވޭ މަސައްކަތް، މި ދާއިރާތަކުން ޕްރޮޕޯސަލް ހުށަހެޅޭނީ. އާންމުންނާއި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލާފައި މި އޮތީ..ސަރުކާރުގެ އިދާރާތައް ނޫން ފަރާތްތައް. އަޅުގަނޑުމެން މިމަހުގެ ބާވީހާ ހަމައަށް ބަލައިގަންނާނަން. ބޭންކް އޮފް މޯލްޑިވްސްއަށް މެއިލްކުރެވޭނެ. މި މަހުގެ އަށާވީހާ ހަމައަށް އިވެލުއޭޓްކޮށްފަ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ޝާއިޢު މިކުރަނީ. އޭގެ ފަހުގަ ވޯޓިންގ ކުރިއަށްދާނީ.'' ސަޢީދު ވިދާޅުވިއެވެ.