ރިޕޯޓް

ކޮފީ ބުއިމުގެ ސަޤާފަތް, ބޮޑު ބަދަލަކާއި ދިމާއަށް!


މީގެ ޒަމާންތަކެއް ކުރިއަށް ޖެހިލާއިރު، ކޮފީއޭ ބުނުމުން ނޭނގޭ ޒުވާނުން އުޅުމަކީ އެކަށީގެންވާކަމެކެެވެ. ނަމަވެސް ޒަމާން ބަދަލުވެ ދެހާހުގެ އަހަރުތަކުގައި ކޮފީ ރަހައިން ދިވެހި ޒުވާނުން "މަސްތު" ކޮށްލިއެވެ. ކޮފީ ޝޮޕްތައް ގިނަވެ، އެތަންތަނުގައި ވަގުތުތައް ހޭދަކުރުމަކީ ޒުވާނުންގެ މެދުގައި ޓްރެންޑަކަށް ވިއެވެ. 

ބައެއް ޒުވާނުން ކޮފީގައި ހަތަރުދަމު ހޭދަކުރާއިރު، އަނެއްބައި ޒުވާނުންގެ ލޮލަށް ނިދި އަންނަނީވެސް ކޮފީ ބޮއިގެންނެވެ. ޒުވާނުންގެ ކޮފީގެ ވައްޓަފާޅިއަށް މިވަނީ އަނެއްކާވެސް އާ ބަދަލުތަކެއް އަންނަން ފަށާފައެވެ. 

ބޭނުންވީ ރާއްޖެއަށް ތަފާތު ސަޤާފަތެއް ގެންނަން

ދިވެހިންގެ ކޮފީގެ ސަޤާފަތް ބަދަލު ކުރުމުގެ ވިސުން ސިވިލް ކޮފީ ސޮސައިޓީގެ ވެރިޔާ ޔާސީން އައީ އޭނާ ރާއްޖެއިން ބޭރުގައި އުޅެމުން ދިޔަ ދުވަސްވަރުއެވެ. ރާއްޖެއިން ބޭރުގައި ކޮފީ ޝޮޕްތައް ހުންނަނީ ރާއްޖޭގައި ހުންނަ ތަންތަނާ ތަފާތު ގޮތްތަކަށެވެ. އަދި ކޮފީގެ ރަހަވެސް ތަފާތެވެ.

"އަސްލު ބޮޑަށް ރާއްޖެއިން ބޭރުގައި ގިނައިން އުޅުނީމަ ކަންނޭނގެ، މިކަހަލަ ތަނެއް ހެދުމުގެ ވިސްނުން އަޅުގަނޑަށް އައީ. ވަރަށް ތަފާތު، ރާއްޖެއިން ބޭރުގައި ހުންނަ ތަންތަން. ޚާއްސަކޮށް ސިންގަޕޫރު، ތައިލެންޑުގައިވެސް ވަރަށް ތަފާތު ތަންތަން ހުރޭ. އެތަންތަން ކޮންސެޕްޓަކަށް ބަލައިގެން އަޅުގަނޑު މިތަން ހުޅުވީ. އަސްލު ބޭނުންވީ ރާއްޖެއަށް މުޅިން ތަފާތު އާ ކަލްޗަރ އެއް ތަޢާރަފް ކުރަން.،" ޔާސިރު ބުންޏެވެ. img:http://s4.psmnews.mv/images/660x400/14859865344013.jpg|ސިވިލް ކޮފީ ސޮސައިޓީ: ކޮފީ ބީންސް ކަސްޓަމަރުންނަށް ދެއްކުމަށް ބަހައްޓާފައި - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ރާއްޖޭގައި ކޮފީ ޝޮޕްތަކުގެ ސަޤާފަތް ބަދަލު ކުރުމުގެ ވިސްނުން "މެރާކީ"ގެ ވެރިޔާ މަބްރޫކް ޢަޒީޒަށް އައީ އޭނާގެ ވިޔަފާރީގައި ބޭނުން ކުރަން ގަސްތު ކުރި ބާވަތުގެ ސަބަބުންނެވެ. 

އޭނާ އަކީ ރާއްޖޭގައި މިހާރު ޢާންމުވަމުން އަންނަ ކޮފީ ޝޮޕްތަކަށް ކޮފީ ސަޕްލައި ކޮށްދޭ މީހެއްވެސް މެއެވެ. އޭނާ ބުނީ ސިނގިރޭޓް ބޮވޭ ގޮތަށް ބޮޑު ސަރަޙައްދެއް އޮވެމެ ކަސްޓަމަރުން އެތަނަށް އަންނަ ކަމަށްވާނަމަ އޭނާ ޢާންމުންނަށް ވިއްކާ ކޮފީއަށް ވަރަށް ބޮޑު "ޑިސްޓްރަކްޝަނަކަށް" ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފޯކަސް ހުރީ ސްޕެޝަލިޓީ ކޮފީއަށް. މި ކޮފީއަކީ ވާރލްޑް ޓޮޕް ކޮލިޓީގެ ކޮފީއެއް. ދެން އެހެންވީމަ މިތަން އަޅުގަނޑު ހެދިއިރުގައި އަޅުގަނޑުމެން ބޮޑަށް އެންވިޝަން ކުރީ ކެފޭއަކަށްވުރެ ބޮޑަށް ޓޭސްޓިން ރޫމެއްގެ ގޮތަށް. ދެން އެކަން ކުރާނެ ގޮތެއް ވިސްނިއިރު އަޅުގަނޑުމެންނަށް މުހިއްމުވީ މިހާރު ސިނގިރޭޓް ބޯ ގޮތަށް ބޮޑުތަނެއްގެ ގޮތަށް އޮތީމަ އަޅުގަނޑުމެންނަށް ވިސްނުނީ ވަރަށް ބޮޑު ޑިސްޓްރެކްޝަނަކަށް ވާނޭ އަސްލު އަޅުގަނޑުމެން ޕްރޮވައިޑް މިކޮށްދޭ ޕްރޮޑަކްޓް.،" ޕީއެސްއެމްއާ ވާހަކަދައްކަމުން މަބްރޫކް ބުންޏެވެ.

ތަފާތު ހިތްގައިމު މާހައުލެއް

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ކޮފީ ބުއިމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަމުންދާ މި ކޮފީ ޝޮޕްތަކަކީ މުޅިން ތަފާތު ކޮންސެޕްޓެކެވެ. ހިތްފަސޭހަވަނީ ހަމައެކަނި އޯޕަން އެއާރ ތަނެއްގައި ތިބެ ކޮފީތައްޓެއް ބޯލުމަކުންނެއް ނޫނެވެ. ހިތްފަސޭހަ ވަނީ އެތަނުން ލިބޭ ޚިދުމަތާއި އެތަނުން ލިބޭ ރަހަތަކުންނެވެ.

މިހާރު ޢާންމުވަމުން އަންނަ ކޮފީ ޝޮޕްތަކުގެ އިންޓީރިއާރ އަށް ބަލާނަމަ ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރިކަން އެނގެއެވެ. މިތަންނަކީ ޖާގައިގެގޮތުން މާ ބޮޑެތި ތަންތަނަށް ނުވިނަމަވެސް މިތަންނަނަށް ލިބޭ ތަރުޙީބު ވަރަށްބޮޑެވެ.

"އަސްލު ތެދަށް ބުނާނަމަ، މި ކޮންސެޕްޓް، މި ޓްރެންޑް ރާއްޖެއަށް ގެންނަން ލަސްވެސް ވެއްޖެ. އެހެން ތަންތަނަށް ބުނާ ބުރަ ބަހެއް ނޫން މިއީ، އެކަމަކު އަޅުގަނޑު ވަރަށް އުފާވޭ ހިތްހަމަ ޖެހޭ މިތަންތަނަށް އައިސް ކޮފީ ތައްޓެއް ބޯލީމަ. މިތަންތަނަށް އައިސް އެއްޗެއް ކާލީމަ. އަސްލު ސަޅީ މާހައުލު ދޯ. އަދި ހަމައެހާމެ ޕީސްފުލް،" މިފަދަ ކޮފީ ޝޮޕްތަކަށް ޢާންމުކޮށް މިހާރު ގޮސް އުޅޭ ނުހާދު މުޙައްމަދު އޭނާގެ ޝުޢޫރު ޙިއްސާކުރިއެވެ. img:http://s3.psmnews.mv/images/660x400/14859861360986.jpg|މެރާކީ ކޮފީ ރޯސްޓަރސް: މިތަނުން އިތުރު ބައެއް ކެފޭތަކަށް ކޮފީ ބީންސް ސަޕްލައިކޮށްދޭ - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ޚިދުމަތް އެއްވަނަ، ރަހަތައްވެސް އެހާ ސަޅި!

ދިވެހިން އެންމެ ބޮޑަށް ޝަކުވާ ކުރާ އެއްކަމަކަށް އަބަދުވެސް ވެފައިވަނީ ދޭންޖެހޭ އަގަށްވުރެ ޚިދުމަތް ގޯސްވުމެވެ. މި ވާހަކަތައް އެންމެ ގިނައިން އަޑު އިވެނީވެސް ކޮފީ ޝޮޕް، ރެސްޓޯރެންޓް، ހޮޓާ ފަދަ ތަންތަނުންނެވެ. އަދި ބޯން ގެންނަ ކޮފީގެ ކޮލިޓީ ދަށްވުމާއި ކާއެއްޗެހީގެ ރަހަ ނުބައި ކަމުގެ ވާހަކައަކީ ޢާންމުކޮށް އިވޭ އަޑުތަކެވެ.

ނަމަވެސް ރާއްޖޭގައި މިހާރު ޢާންމުވަމުން އަންނަ ކޮފީ ޝޮޕްތަކުން މިކަންކަން ވެސް ބަދަލުކޮށްފިއެވެ. ކޮފީތައްޓެއް ބޯލަންދާ ކަސްޓަމަރުން އެތަނުން ނުކުންނަނީ ހިނިތުންވުމާއިއެކު ދެވަނަ ފަހަރަށް އެތަނަށް ދިއުމުގެ ނިޔަތުގައެވެ.

"އަސްލު އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ކަސްޓަމަރުންނަށް ރަނގަޅަށް ކަސްޓަމަރުން ހިތްހަމަޖެހޭ ގޮތަށް ޚިދުމަތް ފޯރުކޮށްދެވޭތޯ. އަބަދުވެސް ކަސްޓަމަރުން ދައްކާ ވާހަކަތައް އަޅުގަނޑު އަހަން. ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރަމުން މި އަންނަނީ. އެކަން އަޅުގަނޑުމެންގެ ކަސްޓަމަރުން ޤަބޫލުކުރޭ،" ގޯޓްފިޝްގެ ދެ އޯނަރުން ކަމަށްވާ އަފްޝަން އަޝްފާގާއި އަކްމަލް ޝަހީދު ބުންޏެވެ. img:http://s4.psmnews.mv/images/660x400/14859858529886.jpg|ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯ - ފޮޓޯ: ގޯޓްފިޝް ކެފޭ

އަފްޝަނާއި އަކްމަލް ބުނީ ކާ އެއްޗެހީގެ ރަހަތައް ކަސްޓަމަރުން ގަޔާވާ ގޮތަށް ހެދުމަށް ވަރަށް މަސައްކަތް ކުރާ ކަމަށެވެެ. އަދި ސިއްޙަތައް ގެއްލުންނުވާ ސިއްޙަތަށް ފައިދާވާ ކާއެއްޗެހި ފޯރުކޮށްދިނުމަކީ އެފަރާތުން އަބަދުވެސް ގެންގުޅޭ ވިސްނުމެއް ކަމަށެވެެ. 

ޚިދުމަތުގައި ދިވެހިން 

ކޮފީ ޝޮޕް ރެސްޓޯރެންޓު ނުވަތަ ހޮޓާތަކުގައި ދިވެހިން ޚިދުމަތް ދޭތަން ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މި ސަޤާފަތާއި މި ވިސްނުންވެސް މިއަދު މިވަނީ ބަދަލުވެފައެވެ. ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ޢާންމުވެފައި މިވާ ކޮފީ ޝޮޕްތަކުގައި ޚިދުމަތް ދެމުން އަންނަނީ ދިވެހި ޒުވާނުންނެވެ. 

"މިރާކީ"ގެ ވެރިޔާ މަބްރޫކް ބުނީ އޭނާ ބޭނުންވަނީ މި ދާއިރާގައި ޚިދުމަތް ކުރަން ދިވެހިން ނުކުތުން ކަމަށެވެ. ދިވެހިން ވަޒީފާ އަދާ ކުރާނީ ފަރުވާކުޑަކޮށް ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވީ ނަމަވެސް މަބްރޫކް ބުނީ އެއީ އޭނާ ޤަބޫލުކުރާ ވާހަކައެއް ނޫން ކަމަށެވެ. 

"އަޅުގަނޑު މި ގެންގުޅެނީ ދިވެހި މުވައްޒަފުން. ވަރަށް ރަނގަޅު އިނގޭތޯ. ކަސްޓަމަރުން ވެސް ތިބެނީ ވަރަށް ހިތްހަމަޖެހިފައި. އަނެއްކާ ޕަންޗުއަލިޓީ އަށް ބަލާލިއަސް ހަމަ އެއްވެސް މައްސަލައެއް ނޫޅޭ.،" މަބްރޫކް ބުންޏެވެ. img:http://s4.psmnews.mv/images/660x400/14859860053255.jpg|މެރާކީ ކޮފީ ރޯސްޓަރސްގެ ވެރިޔާ މަބްރުކް ޢަޒީޒް ޕީއެސްއެމްއަށް އިންޓަރވިއު ދެނީ - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

ގޯޓް ފިޝްގެ ވެރިޔާ އަފްޝަނާއި، އަކްމަލް ބުނީ މަސައްކަތް ކޮށްގެން ފައިސާ ލިބޭ ނަމަ އެއްވެސް ކަމަކީ ހަޑި މަސައްކަތެއް ނޫން ކަމަށެވެ. އަދި ބޭނުންވަނީ  ދިވެހިންގެ ތެރެއިން  އެ އާދަ ބަދަލު ކޮށްލުން ކަމަށާއި އެކަން މިއަދު ބަދަލުވަމުންދާކަމަށެވެ.

"އެންމެ ބޮޑަށް ހިތްހަމަޖެހެނީ ކަސްޓަމަރުން. ކަސްޓަމަރުން ވަރަށް އުފާވޭ ދިވެހިން ޚިދުމަތުގައި ތިބޭތީވެ. ދެން ދިވެހިންގެ ތެރޭގައިވެސް އުޅޭނެ ދެއްތޯ ތަފާތު މީހުން. އެންމެ އެއްގޮތެއްވެސް ނުވާނެ. އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ދިވެހިން ކުރަން ވަރަށް ރަނގަޅު މަސައްކަތެކޭ،" އަފްޝަން އަދި އަކްމަލް ބުންޏެވެ. img:http://s4.psmnews.mv/images/660x400/14859864517938.jpg|ސިވިލް ކޮފީ ސޮސައިޓީ: މިތަނުގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިވެހީންގެ ޚިއްޞާ ބޮޑު - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު

މީގެ އެތައް އަހަރެއް ކުރިން ދިވެހިންގެ ތެރެއަށް ތަޢާރަފްވި ކޮފީ ބުއިމުގެ ވައްޓަފާޅިއާ ސަޤާފަތް މިދަނީ މަޑުމަޑުން ބަދަލުވަމުންނެވެ. ދިވެހިންގެ ވިސްނުންވެސް އެ ސަޤާފަތށް މަޑުމަޑުން އެނބުރެން ފަށައިފިއެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކޮފީތައް މިއަދު ރާއްޖެއަށް ތަޢާރަފްވެއްޖެއެވެ. ކޮފީ ބޯން މީގެކުރިން ތިބޭ މާޙައުލުވެސް ބަދަލުވެއްޖެއެވެ. ހިތްހަމަޖެހިލައިގެން ކޮފީއެއް ބޯލަން ނޫނީ ސިއްޙަތަށް ފައިދާހުރި ކާއެއްޗެއް ކާލަން ބޭނުންނަމަ މިފަދަ ކޮފީޝޮޕްތައް ވަރެއްނެތެވެ.