ކުޅިވަރު

ޖެހިޖެހިގެން ހަތަރުވަނަ މެޗުން ބަލިވާން ބޭނުމެއް ނޫން - ކްލޮޕް


ޗެލްސީއާ ދެކޮޅަށް މިރޭ ނިކުންނައިރު އެޓީމް ލީގްގައި އޮތް ހިސާބާއި މެދު ނުވިސްނާކަމަށާއި، އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރުވަނަ މެޗުން ބަލިވާން ބޭނުންނުވާކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ނިކުންނަ މެޗާއި ގުޅޭ ގޮތުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ޗެލްސީ މިސީޒަންގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ވާހަކަ އެންމެންވެސް އަންނަނީ ދައްކަމުންކަމަށާއި، މެޗަށް ނިކުންނަނީ އެކަން ދަނެގެންކަމަށެވެ. އެންމެ ފަހުން ލީގުގައި މި ދެ ޓީމް ކުޅުނު ހަތަރު މެޗުންވެސް ލިވަޕޫލް ބަލިވެފައިނުވުމަކީ ސަޕޯޓަރުން މެޗާއި މެދު ކުރާ އުއްމީދުތައް ބޮޑުވާނެކަމެއްކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރުމެން ނުވިސްނަން ޗެލްސީ ލީގުގައި އޮތް ހިސާބެއް، މެޗުން މޮޅުވުން ނޫން އެހެން ގޮތެއް އަހަރެން ބޭނުމެއް ނޫން، ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނަން" ކްލޮޕް ބުންޏެވެ

އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެފައިވުމަކީ އޭނާ ކަންބޮޑުވާ ކަމެއްކަމަށާއި، ބަލިވުމުގެ ސިލްސިލާ ނިންމާލަން ކެތްމަދުވެފައި ހުރިކަމަށްވެސް ކްލޮޕް ބުންޏެވެ.

މިރޭގެ މެޗްގެ ކުރިން ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ މި މެޗަކީ ޓީމެއްގެ ގޮތުގައި ޗެލްސީ ބިނާކުރި ފަހުން އޭނާ ލިވަޕޫލާއި ދެކޮޅަށް ނިކުންނަ ފުރަތަމަ މެޗްކަމަށާއި، މެޗަށް ކެތްމަދުވެފައި ހުރިކަމަށެވެ. ޕްރިމިއަރ ލީގު ކާމިޔާބުކުރެވޭނީ ވާދަވެރިންގެ މައްޗަށް ކުރި ހޯދައިގެންކަމަށާއި، މި މެޗުން މޮޅުވެ ލީގް ހޯދުމާއި ގާތަށް ޖެހިލަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

"ވާދަވެރި ހަ ޓީމް ލީގުގަިއ އެބައޮތް، ކޮންމެ ޓީމަކާއި ދެކޮޅަށް ނިކުމެ މޮޅެއް ހޯދިއްޖެނަމަ ލީގް ކާމިޔާބުކުރަން ބޮޑު ހިތްވަރެއް ލިބޭނެ. މިރޭގެ މެޗަށް ނިކުންނަނީވެސް އެގޮތަށް ވިސްނައިގެން" އިޓަލީއަށް އުފަން ކޯޗް ބުންޏެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ވާދަކުރާ މެޗް ފަށާނީ ރާއްޖެގަޑިން މިރޭ އެކެއް ޖަހާއިރެވެ.