ކުޅިވަރު

އެފްއޭކަޕްގައި އާސެނަލްއާއި ދެކޮޅަށް ފަސްވަނަ ޑިވިޝަންގެ ޓީމެއް


އިނގިރޭސި އެފްއޭކަޕްގެ ފަސްވަނަ ބުރުގައި އާސެނަލްއާއި ދެކޮޅަށް ފަސްވަނަ ޑިވިޝަންގެ ސަޓްން ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ.

އެފްއޭކަޕްގެ ޗެމްޕިއަންކަން 12 ފަހަރު ހޯދާފައިވާ އާސެނަލްއާއި ސަޓްން ވާދަކުރާ މެޗް ކުޅޭނީ ސަޓްންގެ ދަނޑުގައެވެ. އެއީ 5000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

އެފްއޭކަޕްގެ ފަސްވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާލާއިރު، ލިވަޕޫލް ކަޓުވާލި ވުލްވްސް ވާދަކުރަން ޖެހޭނީ ޗެލްސީއާއެވެ. އެންމެ ފަހުގެ އެފްއޭކަޕްގެ ޗެމްޕިއަން މެންޗެސްޓާރ ޔުނައިޓެޑް ނިކުންނާނީ ބްލެކްބާން ރޯވާސްއާއި ދެކޮޅަށެވެ. 

ފުލްހަމް ޓޮޓެންހަމާއި ދެކޮޅަށް ނިކުންނަން ޖެހުނުއިރު، މެންޗެސްޓާރ ސިޓީ ފަސްވަނަ ބުރުގައި ނިކުންނާނީ ހަޑާސްފިލްޑް ޓައުންއާއި ދެކޮޅަށެވެ. ބާންލޭ ލިންކަން ސިޓީއާއި ވާދަކުރާއިރު، މިޑްލްސްބްރާ ނިކުންނާނީ އޮކްސްފޯޑް ޔުނައިޓެޑާއި ދެކޮޅަށެވެ. 

ފަސްވަނަ ބުރުގެ ފަހު މެޗުގައި މިލްވޯލް ނިކުންނާނީ ޑާރބީ ކައުންޓީ އަދި ލެސްޓާރ ވާދަކުރާ މެޗުން މޮޅުވާޓީމަކާއެވެ.

އިނގިރޭސި އެފްއޭކަޕްގެ ފަސްވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 17، 18، 19 އަދި 20 ވަނަ ދުވަހުގައެވެ.