ވިޔަފާރި

ޑްރޮޕް އޮފް ސަރވިސްގެ ޚިދުމަތް ތަޢާރަފްކުރައްވަނީ


ޑްރޮޕް އޮފް ސަރވިސްގެ ޚިދުމަތް ރާއްޖޭގައި ފެށުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުއްވާލައްވާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވެއްޖެއެވެ.

މި ޚިދުމަތަކީ ރާއްޖޭގައި ވެހިކަލްއެއް ގެންގުޅޭ ކޮންމެ މީހަކަށްވެސް، އެއްތަނުން އަނެއްތަނަށް، މީހަކު ގެންގޮސްދިނުމުގެ ފުރުސަތު ހުޅުިގެންދާ ޚިދުމަތެކެވެ. ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، މި ޚިދުމަތް ދިނުމަށް ހަމައެކަނި ޖެހޭނީ ސަރުކާރުން އެޕްރޫވްކުރައްވާފައި ހުންނަ ޓެކްސީ އެޕްލިކޭޝަނެއް ނުވަތަ ސޮފްޓްވެއަރއެއްގެ ތެރެއިން ރަޖިސްޓްރީވާންކަމަށެވެ.

މިގޮތުން ރާއްޖޭގައި ވެހިކަލް ގެންގުޅޭ ކޮންމެ މީހަކަށްވެސް މި ޚިދުމަތުގައި ބައިވެރިވެވޭނެކަމަށް ވިދާޅުވިއެވެ. ޓްރާންސްޕޯޓް އެތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ދުނިޔޭގެ ތަރައްޤީ ވެފައިވާ ޤައުމުތަކާއި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގައިވެސް މި ޚިދުމަތް ދެމުންގެންދާކަމަށެވެ. އެހެންކަމުން ރާއްޖެފަދަ މީހުން މަދު ޤައުމެއްގައި މިފަދަ ޚިދުމަތެއް ތަޢާރަފްކުުރުމަށް މާ ފަސޭހަވާނެކަމަށެވެ.

ނާފިޒް ވިދާޅުވީ، މި ޚިދުމަތަކީ ރާއްޖޭގެ ޒުވާން ޖީލަށް އިތުރު އާމްދަނީއެއް ލިބޭނެ އިތުރު ފުރުޞަތެއްކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ސަރުކާރުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. މިކަމުން އެއްފަހަރާ ސާޅީސް ހާސް ވަޒީފާ އުފެދިގެންދާނެކަމަށް ޢަބްދުއްރަޝީދު ނާފިޒު ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައި ނުވަދިހަވަރަކަށް ހާސް ވެހިކަލް މިހާރުވެސް ރެޖިސްޓްރީކުރެވިފައިވެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކަލް ޓެކްސީގެ ޚިދުމަތް ފެށީ އިއްޔެއެވެ.