ރިޕޯޓް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަޕޯޓް ސިސްޓަމެއް!


ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގައި ހަރަކާތްތެރިވުމަށާއި، މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، އެފަދަ މީހުންނަށް އެހީތެރިވެދޭނެ ސަޕޯޓް ސިސްޓަމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް މިނިސްޓަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން އަލަށް ވަޒީފާދިނުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއެރުވުމަށާއި، އެ މީހުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި މިއީ ފާހަގަކޮށްލެވޭ ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ 157 މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިލްތިމާސެއްގެ ދަށުން، ވަޒީފާ ހަމަޖައްސަވައިދެއްވުމަކީ، މުޖުތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުވާނޭ ކަމެއްކަމަށެވެ.

އަދި މިއީ، ވަޒީފާދޭ ގިނަ ފަރާތްތަކުން އެމީހެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަކަށް ބިނާކޮށް ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14857570059001.jpg|މިއަދުގެ ރަސްމިޔާތުގެތެރެއިން - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ޚާއްޞަގޮތެއްގައި މުޖުތަމަޢުގެ އެކި ދާއިރާތަކުގައި އެމީހުންނަށް ބައިވެރިވެވޭނެ މަގުފަހިކޮށްދެއްވައި، ބާރުވެރިކުރުވައި، ފުރުޞަތު ހޯއްދަވައިދެއްވުމަކީ، ސަރުކާރުން އިސްކަން ދެއްވާކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޚިދުމަތްތެރި މުވައްޒަފުންތަކެއް ބިނާކުރެއްވުމަށާއި، އެފަދަ މުވައްޒަފުން ވަޒީފާތަކުގައި ދެމިތިބުމަށް، އެކަށީގެންވާ މަސައްކަތު މާޙައުލެއް ޤާއިމްކުރެއްވުމަށް އަހަމިއްޔަތުކަން ދެއްވަންޖެހޭ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކުގައި މަސައްކަތްކުރާ ވެރިންނާއި މުވައްޒަފުން ހޭލުންތެރިކުރުވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއްކަން ބަޔާން ކުރައްވާ މިކަން ހަރުދަނާ ކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން މިހާރު ސަޕޯޓް ސިސްޓަމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގައި ހަރަކާތްތެރިވުމަށާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، އެހީތެރިވެދޭނެ ސަޕޯޓް ސިސްޓަމްއެއް ޤާއިމްކުރުމަކީވެސް އެހާމެ މުހިންމު ކަމެއް. ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ވަޒީފާގެ ތަޖުރިބާއާއި ޚިޔާލު ހޯދުމުގެ މަޤްޞަދުގައި، އެ ފަރާތްތަކުގެ ފީޑްބެކް ގަވާއިދުން ލިބޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ފަށާފައިވާކަން އުފަލާއެކު ފާހަގަކުރަން. އަދި މި މަޢުލޫމާތު ވަޒީފާދޭ ކުންފުނިތަކާ މިނިސްޓްރީން މި ގެންދަނީ ހިއްސާކުރަމުން. އަޅުގަނޑު އުއްމީދުކުރަނީ، މި ދިރާސާތަކުގެ އަލީގައި، މި ދާއިރާ އިތުރަށް ތަރައްޤީކޮށް، އެންމެންނަށް ބައިވެރިވެވޭނެ މުޖުތަމަޢުއެއް ރާއްޖޭގައި ބިނޭވެގެން ދިޔުން.،" މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ، މުޅި މުޖުތަމަޢުއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށްވީއިރު، ސްކޫލް ދައުރުން ފެށިގެން މިކުދިންނަށް ފުރުޞަތު ފަހިކޮށްދެއްވުމަށް މިނިސްޓަރ ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ގޮވާލެއްވިއެވެ.

"ވަޒީފާއަށް ދިޔުމުގެ ކުރިން، ސްކޫލް ނިމޭ އުމުރުގެ ކުދިންނަށް އަމާޒުކޮށް އިންޓަރންޝިޕް އަދި ވޮލަންޓިއަރ ކުރުމަށް ހުޅުވާލާ ފުރުސަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައިވެރިކުރުމަށް ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކުރަން. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިފަދަ ފުރުޞަތުތައް ފަހިކޮށްދީ، މަސައްކަތަކަށް އަހުލުވެރިކުރުވުމަކީ، ވަޒީފާތަކަށް ނުކުތުމަށް އެ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް.،" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރުގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މުޖުތަމަޢުން އަދިވެސް ދިމާވަމުން އަންނަ ބައެއް މައްސަލަތައް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކަންކަން މަދުކުރުމަށް އެންމެންގެ އެއްބާރުލެއްވުމަށް ގޮވާލެއްވިއެވެ.