ސިޔާސީ

އިދިކޮޅު ފަރާތްތަކުން އިސްކުރަނީ އަމިއްލަ މަޞްލަޙަތު - ޝައިނީ


ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެދެވޭގޮތުގައި ކުރިއަށްނުދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އަމިއްލަ މަޞްލަޙަތު އިސްކުރަމުންދާތީކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވަން އެންމެ ފުރަތަމަ އިސްނެންގެވީވެސް ރައީސް ޔާމީންގެ ސަރުކާރުންކަމަށެވެ. އޭގެ ސަބަބަކީ ޤައުމުގެ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާ ކުރިއަށް ގެންދެވުމުގައި އެންމެހާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުންކަމަށާއި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާއާއި ޚިޔާލުވެސް ސަރުކާރުން ބޭނުންފުޅުވާކަމަށް ޝައިނީ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް އިދިކޮޅު ފަރާތްތަކުގެ ޒިންމާދާރުކަމެއް މިކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

މަޝްވަރާތަކުގައި ސަރުކާރުގެ އިސް މަންދޫބެއްގެ ގޮތުގައިވެސް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ.ޝައިނީ ވިދާޅުވީ، މަޝްވަރާއަށް ގޮވާލައްވާ ކޮންމެ ފަހަރަކުވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ސަރުކާރަށް ހުށަހަޅުއްވަނީ، އެޕާޓީތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންގެ ޒާތީ މަޞްލަޙަތު ޙިމާޔަތްކުރެއްވުމުގެ ޝަރުޠުތަކެއްކަމަށާއި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުގައި އެއްވެސް ކަމެއް ހުށަހަޅުއްވާފައި ނުވާކަމަށެވެ. އެގޮތުން ބޮޑެތި ކުށް ސާބިތުވެގެން ޖަލުގައި ޙުކުމް ތަންފީޒުކުރައްވާ ބައެއް ބޭފުޅުން މިނިވަންކުރުންފަދަ ސަރުކާރަށް ކުރެއްވެން ނެތް ޤާނޫނާ ޚިލާފު ކަންކަން ހުށަހެޅުއްވުމަކީ މަޝްވަރާކުރައްވަންވެސް އަދި ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގައިވެސް އިދިކޮޅު ސިޔާސީ ބޭފުޅުންގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވާ ކަމެއްކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކުރައްވަން އަދިވެސް ސަރުކާރުގެ ހުރިހާ ދޮރެއް ވަނީ ހުޅުއްވާލައްވާފައިކަމަށެވެ. އަދި މިކަން، ކަމާގުޅޭ ބޭރުގެ ފަރާތްތަކަށްވެސް ސަރުކާރުން ވާނީ ހާމަކުރައްވާފައިކަމަށް ޝައިނީ ވިދާޅުވިއެވެ.

ޖަލުޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު ކަރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ދޫކޮށްލުމަށް، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ގޮވާލައްވާ ގޮވާލެއްވުންތަކަށް ރައްދުދެއްވައި ޑރ.ޝައިނީ ވިދާޅުވީ، އެއީ ސަރުކާރަށް ކުރެއްވޭނެ ކަމެއް ނޫންކަމަށެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ އެއްގޮތަށް ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ދޫކޮށްލުމަށް، ގޮވާލާ ފަރާތްތަކަށްވެސް އެއީ ޤާނޫނާ ޚިލާފު ކަމެއްކަމާއި، އަދި އެކަން ސަރުކާރަށް ކުރެއްވޭނެ ގޮތެއް ނެތްކަން އެނގޭނެކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ އދ. ގެ ވޯކިން ގުރޫޕުގެ ނިންމުމަކީ ރިކޮމެންޑޭޝަނެއް ކަމަށާއި އެއަށް ޢަމަލުކުރުން ދިވެހި ސަރުކާރަށް ލާޒިމް ނުކުރާކަމަށެވެ. އަދި ނާޒިމްގެ މައްސަލަ މިވަނީ ރާއްޖޭގެ ޤާނޫނު އަސާސީގެ ތެރެއިން ނިމިފައިކަމަށާއި އެމައްސަލަ ކުރިއަށްގެންދިޔަ ޤާނޫނުގެ ދަށުން ނާޒިމްގެ ކުށެއް ނެތްކަމަށް ސާބިތުކުރުމަކީ ސަރުކާރުން ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ޝައިނީ ވިދާޅުވިއެވެ.

ޑރ.ޝައިނީ ވިދާޅުވީ މިމައްސަލާގައި އދ.ގެ ވޯކިން ގުރޫޕުން ނިންމި ނިންމުންތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އެނިންމުމުގައި ރާއްޖޭގެ ޝަރުޢީ ދާއިރާގައި ހުރި ބައެއް މައްސަލަތައްކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންތައްތަކުގައި، ރާއްޖޭގެ ޙާލަތު ދެނެގަތުމަށް ވޯކިން ގްރޫޕުން ރާއްޖެއަށް ދަތުރެއް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދިފައިވާކަމަށާއި، އެހެންނަމަވެސް މައްސަލައެއް ބަލާފައިކަމަށް ބުނެ، ރާއްޖެއާމެދު ވަކިގޮތެއް ނިންމުމަށްފަހު ދެން ރާއްޖެ އައުމުގެ މަޤުޞަދަކީ ކޮބައިކަމާމެދު ސުވާލު އުފެދޭކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.