ތަރައްްޤީ

ހުޅުމާލޭގެ ސިނާޢީ ސަރަޙައްދުން އަލުން ބިން ދޫކުރަނީ


ހުޅުމާލޭގެ ސިނާއީ ސަރަޙައްދުން އަލުން ބިން ދޫކުރާއިރު، ބަލާނީ އަސާސީ ޚިދުމަތްދޭ ކުންފުނިތަކަށް އިސްކަން ދިނުމުގެ އުޞޫލަށްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭ ޞިނާޢީ ސަރަޙައްދުން، ސިނާޢީ ބޭނުންތަކަށް ދޫކުރުމަށް 140 ބިމެއް ޚާއްޞަ ކޮށްފައިވެއެވެ. އޭގެތެރެއިން 2013 ވަނަ އަހަރާ ހަމައަށް 127 ބިމެއް ވަނީ އެކިފަރާތްތަކަށް ދޫކޮށްފައެވެ.

ސިނާޢީ ސަރަޙައްދުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުފަށާހުރި ބިންތައް ބަލައި، އެ ބިން ދޫކޮށްފައިވާ ފަރާތްތަކަށް މިދިޔަ އަހަރު އެޗްޑީސީން ވަނީ ނޯޓިސް ދީފައެވެ. އެއްވެސް މަސައްކަތެއް ނުކުރާތީ ނޯޓިސް ދިންއިރު، އެސަރަޙައްދުގައި މަސައްކަތް ހިނގަމުން ދިޔައީ 45 ބިމެއްގައެވެ. އެހެންނަމަވެސް ނޯޓިސް ދިނުމަށްފަހު، އިތުރު 54 ބިމެއްގައި މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ނޯޓިސް ދިނުމަށްފަހު، އިތުރު 54 ބިމެއްގައި ސިނާއީ އެކި މަސައްކަތް ކުރަމުން އެބަދެއެވެ. މިހާރު 100 އާއި ގާތްކުރާ ޢަދަދެއްގެ ބިންތަކުގައި މަސައްކަތް ފަށާފައިވެއެވެ. މިއާއިއެކު އިންޑަސްޓްރިއަލް އޭރިއާގެ ދިރުން މިވަނީ ފެންނަން ފަށާފައެވެ.

ހުޅުމާލޭގައި އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާފައި އަސާސީ ޚިދުމަތްދޭ ކުންފުނިތައް ހުޅުމާލޭގައި އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސައިމަން ވިދާޅުވީ، ޞިނާއީ ސަރަޙައްދުގައި މިހާރު ބާކީ ހުރި ބިންތައް ދޫކުރުމަށް ނިންމާފައިވަނީ އަސާސީ ޚިދުމަށްދޭ ކުންފުނިތަކަށް ކަމަށެވެ.

"އެސްޓީއޯ، އެމްއޭސީއެލް، އެމްޑަބްލިޔުއެސްސީ ފަދަ ކުންފުނިތަކުން ދެމުން އަންނަ ޚިދުމަތްތައް ހުޅުމާލެއަށް މޫވް ކުރުމަކީ މުހިއްމުކަމެއް. ހުޅުމާލޭގެ ބިމުގެ ޖާގަ ތަނަވަސްކޮށް ފެނުނު ކަމުގައިވިޔަސް ހަޤީޤަތުގައި ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. ބިން ދޫކުރުމުގައި ވަރަށް ގިނަ ކަންކަމަށް ސަމާލުކަންދޭންޖެހޭ،" ސައިމަން ވިދާޅުވިއެވެ.

ހުޅުމާލެއަކީ ވަކި ޚާއްޞަ ޕްލޭނެއްގެ ދަށުން ތަރައްޤީ ކުރައްވަމުން އަންނަ ތަނަކަށްވާތީ، އެކިބޭނުންތަކަށް ހުޅުމާލެއިން ބިން ދޫކުރެއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ސައިމަން ފާހަގަކުރެއްވިއެވެ.

"ވެލިއު އެޑިޝަން، ވެލިއު ކްރިއޭޝަނަށް ޚާއްޞަ ޕްރޮސެސެއް ހިންގާނަމަ، ޒުވާނުންނާއި އެމްޕްލޯއިމެންޓަށް އަދި އެހެނިހެން އިކޮނޮމިކް އެކްޓިވިޓީސްއާ، އެއާ ގުޅިފައި ހުރި މިންވަރަކަށް ބެލުމަށްފަހު ބިން ދޫކުރާނީ. ބިމަކީ އެ ދޫކުރާ ބިމުގެ ވެލިއު މައްޗަށް ޖެހެންދެން ހިފެހެއްޓޭ ބިމަކަށް ވެގެން ނުވާނެ." ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ޞިނާއީ ސަރަޙައްދުން ބިން ދޫކުރުވުމުގެ ބަދަލުގައި އިސްކަންދޭނީ، ޢިމާރާތްތައް އަޅައި، އެތަންތަން ކުއްޔަށް ދޫކުރުމަށް ކަމަށެވެ. އެގޮތުން މިހާރުވެސް 36 ޔުނިޓް ހިމެނޭ "ވެއަރހައުސް ޝެލް" އެއް ޢިމާރާތްކޮށް ވިޔަފާރިވެރިންނަށް ދޫކުރަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި "ވެއަރހައުސް ޝެލް"އަކީ ހުޅުމާލޭގައި އެކިކަހަލަ ވިޔަފާރިކުރާ ފަރާތްތަކާއި، ސިނާޢީ މަސައްކަތް ކުރާ ފަރާތްތަކަށް މުދާ ގުދަންކުރުމުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކޮށްދިނުމަށް، އެޗް.ޑީ.ސީން އިސްނަގައިގެން، އެކުންފުނީގެ ޚަރަދުގައި ޢިމާރާތްކުރާ ގުދަންތަކެކެވެ.