ރިޕޯޓް

ނުކުޅެދުންތެރިކަން ހުންނަ 20 މީހަކަށް އެމްޕީއެލް އިން ވަޒީފާދީފި


ނުކުޅެދުންތެރިކަން ހުންނަ 20 މީހަކަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިހުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮފީސްތަކުން ވަޒީފާ ދީފިއެވެ. 

އޭގެ ތެރެއިން އައްޑޫ ސިޓީގެ އެމްޕީއެލް އޮފީހުން ވަޒީފާ ދިން 11 މީހުންވަނީ އެމީހުންނަށް ސަރުކާރުން ބާއްވަވާ ޚާއްސަ ރަސްމިޔާތެއްގައި ބައިވެރިވުމަށް ރޭ މާލެ އައިސްފައެވެ. މި މީހުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަށްޓަކައި، "ހަމަ ހަމަ ފުރުޞަތު" އެންމެނަށް މި ސިޔާސަތުގެ ދަށުން  ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ގިނަ ކުންފުނިތަކަކުން ދަނީ ނުކުޅުދުންތެރިކަން ހުންނަ މީހުނަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.  ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އެމްޕީއެލުންވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ  38 މީހަކަށް މިހާތަނަށް ވަޒީފާ ދީފައެވެ.

މީގެ ތެރެއިން 20 މީހަކަށް ވަޒީފާ ހަމަޖައްސާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެމްޕީއެލްގެ އޮފީސްތަކުންނެވެ. އެގޮތުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުއްޓާއި މާލެސިޓީގެ އެމްޕިއެލް އޮފީސްތަކުން ވަނީ މި މީހުންނަށް ވަޒީފާ ދީފައެވެ.

އައްޑޫސިޓީގެ އެމްޕީއެލްގެ އޮފީހުން ވަޒީފާ ދިން އެގާރަ މީހުން މާލެއަށް ގެނެސް އެމީހުންނަށް އެމްޕީއެލުންވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެމީހުން މާލެއައީ ސަރުކާރުން ވަޒީފާގެ ފުރުސަތު ދެއްވި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބާއްވަވާ ޚާއްސަ ރަސްމިޔާތެއްގައި ބައިވެރިކުރުވުމަށެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މިއީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ބަޔަކަށް ވަޒީފާ ދިނުން ނޫންކަމަށާ، މިއީ މުޅި މުޖުތަމަޢަށް ދޭ ވަރަށް މުހިންމު މެސެޖެއްކަމަށެވެ.

" އެކުދިންލައްވާ ބުރަ މަސައްކަތަކެއް ކުރުވުމެއް ނޫން މީގެ މަގްސަދަކީ. އެކުދިންގެ ތެރޭގައިވެސް ހުނަރުވެރިކުދިންތަކެއް އެބަތިބި.  މި ކުދިންނާ ސަރުކާރުން އަޅާލާކަން މީގެން އަންގައިދެނީ.،" ޖުނައިދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14856632583548.jpg|ރޭ މާލެއައި މީހުންނާއެކު އެމްޕީއެލްގެ ސީއީއޯ - ފޮޓޯ: ޕީއެސްއެމް

ޖުނައިދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކުންފުނީގައި ވަޒީފާ ހުޅުވާލާފައިވާކަމަށެވެ. އެފަދަ މީހަކު ވަޒީފާއަށް އެދިއްޖެނަމަ އެކަން ކޮށްދެއްވާނެކަމަށް ވެސް ޖުނައިދު ވިދާޅުވިއެވެ. މިހާރު އެމްޕީއެލްގެ ޢިމާރާތްތައް ހަދާފައިހުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންމެ ފަސޭހައިން ވަދެ ނުކުމެ، އުޅެވޭނެގޮތަށް ނޫންކަމަށާ، ނަމަވެސް ވަރަށް އަވަހަށް އެކަމަށް ޙައްލެއް ގެންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

" އެމްޕީއެލްގައި މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިން ދަނީ މަސައްކަތްކުރަމުން، އަޅުގަނޑުމެން އެކުދިންނާ ވަރަށް ގާތުން މިދަނީ އަޅާލަމުން، އެކުދިންނާ ވާހަކަދައްކަން ދަސްކޮށްދޭ ޚާއްސަ ކްލާސްތަކެއް މުއައްޒަފުންނަށްވެސް ދަނީ ހިންގަމުން." ޖުނައިދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އެމްޕީއެލް އޮފީހުން ވަޒީފާ ދިން، ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނާ އެމީހުންގެ ބެލެނިވެރިން ބުނީ މިކަމަކީ މިސަރުކާރުންކޮށްދެއްވާ ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ.

" މީގެ ކުރިން މިކުދިންނަށް އެއްވެސް ކުރިމަގެއް ނެތް. ނަމަވެސް މިސަރުކާރުން މިކުދިންގެ އުއްމީދުތައް އާކޮށްދީފި. ސަރުކާރުން މިފަދަކަމެއް ކޮށްދެއްވީތީ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން" ބެލެނިވެރިޔަކު ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި މަސައްކަތުގެ ދާއިރާގައި ތަމްރީނާއި ހުނަރު އިތުރު ކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން މިއަހަރު މަސައްކަތްތަކެއް ފައްޓަވާނެކަމަށް އެ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.