ޚަބަރު

އެމްއެންޑީއެފްގެ ފުރަތަމަ ނިޔަމިކަމުގެ ކޯސް ފަށްޓަވައިފި


އެމްއެންޑީއެފުން ހިންގަވާ ފުރަތަމަ ނިޔަމިކަމުގެ ކޯސް، އެމްއެންޑީއެފް ނޮދަން އޭރިއާ، ހއ. އިހަވަންދޫގައި ފަށްޓަވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ހިންގަވާ މިކޯހަކީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި ކޯސްޓްގާޑު ގުޅިގެން ލެވެލް 2 ފެންވަރަށް ކުރިއަށްގެންދަވާ ކޯހެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އިއްޔެ ފެށްޓެވި މި ކޯހުގައި ހއ. އިހަވަންދޫ އާއި މޮޅަދޫގެ އިތުރުން ދިއްދޫ އަދި ހޯރަފުށިން 120 މީހުން ބައިވެރިވެފައިވާއިރު، މި ކޯސް ކުރިއަށްދާނީ ހަތަރު ބެޗަކަށް ބަހާލައިގެން ކޮންމެ ބެޗެއްގައި 30 މީހުންގެ ޖާގަ ހިމަނައިގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14856039273365.jpg|އެމްއެންޑީއެފުން އިހަވަންދޫގައި ފެށި ނިޔަމިކޯހުގެ ބައިވެރިން / ފޮޓޯ: އެމްއެންޑީއެފް

މިކޯހުގައި ނެވިގޭޝަން، ސޭފްޓީ، ކޮމިޔުނިކޭޝަން އަދި ރެގިޔުލޭޝަންގެ ބައިތައް ކިޔަވައިދެއްވާއިރު މިކޯހުގައި ކިޔަވައި ދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ ހއ. އިހަވަންދޫގައި ފެށި މި ކޯހަށް އެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.