ތަޢުލީމު

ޕްރީސްކޫލް މުދައްރިސުންނަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް


ޕްރީސްކޫލް މުދައްރިސުން ދިވެހި ތާރީޚާއި ޘަޤާފަތާއި އާދަކާދައަށް އަހުލުވެރިކުރުވުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީން މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ. ސިލްސިލާކޮށް ކުރިއަށް ގެންދަވާ މި މަސައްކަތު ބައްދަލުވުންތަކަކީ، ތާރީޚާއި ސަޤާފަތާއި އާދަކާދަތައް މި ޤައުމުގައި އަށަގެންނެވުމަށް ފެށްޓެވި މަސައްކަތެއް ކަމަށް ދިވެބަހުގެ އެކެޑަމީން ވިދާޅުވެއެވެ.

"ތުއްރަވާސް" ގެ ނަމުގައި މިއަދު ފެށްޓެވި މި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވީ، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޝްރަފް ޢަލީ ވިދާޅުވީ، ދިވެހި ބަހާއި ތާރީޚާއި އާދަކާދަތަކާމެދު ކުޑަކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަކީ އެކުދިންގެ އެންމެ ތުއްތު އިރުއްސުރެ ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން މިކަމުގައި ޕްރީސްކޫލް މުދައްރިސުންގެ ދައުރަކީ މުހިންމު ދައުރެއްކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

ޕްރީސްކޫލް ކުދިންނާއި ވާހަކަދެއްކުމުގައި ދިވެހި ބަހާއި އެހެނިހެން ބަސްތައް މަސްހުނިނުކޮށް ކުށްނެތް ސާފު ދިވެހި ބަހުން ވާހަކަދެއްކުމަކީ މުހިންމު ކަމެއްކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ދިރާސާތަކުން ދައްކަނީ ތުއްތުކުދިންގެ ކިބައިގައި ތަފާތު ބަސްބަސް އުނގެނުމުގެ ޝައުޤާއި ޤާބިލިއްޔަތު ލިބިދިނުމުގަ އެންމެ މުހިންމީ އެކުދިންގެ މާދަރީބަހުން އެކުދިންނާއި އެންމެ ފުރަތަމަ މުޢާމަލާތު ކުރުން. އެކުދިންނަށް އެންމެ ފުރަތަމަ މާދަރީބަހުގެ ތައްގަނޑުތައް ސިކުނޑީގައި އަށަގަންނައިދީގެން. އޭގެ ސަބަބުން ފޮޅިގެން އަންނަ މަލެއްގެ ބީދައިން އެކުދިންގެ ސިކުނޑި އެކި ދިމަދިމާއަށް ހުޅުވިގެންދާނެ." އަޝްރަފް ވިދާޅުވިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި މާލެއާއި ވިލިމާލޭގެ 11 ސްކޫލަކުން 56 މުދައްރިސުން ބައިވެރިވެއެވެ.

މިއީ، ޕްރީސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކުރައްވައިގެން ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދަވާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.