މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ޕްރިމިއަރ ކޮށްފި


ރާއްޖޭގައި ބާއްވާ އެންމެބޮޑު ޓީވީ ޝޯވ "މޯލްޑިވިއަން އައިޑޮލް" ގެ ސީޒަން 2 މިރޭ ޝުވެކް ސިނަމާގައި ޕްރިމިއަރ ކޮށްފިއެވެ.

މި ޝޯވ ޕްރިއަރ ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދެވެ. ވަރަށް ކުލަގަދަ ރަސްމިޔާތަކާއެކު، އައިޑޮލް ޕްރިމިއާ ކުރިއިރު، މި ރަސްމިޔާތު ފެށުނީ ރެޑް ކާޕެޓް އިވެންޓަކުންނެވެ. ދައުވަތު އެރުވި، ޚާއްޞަ ބޭފުޅުންނާއި އައިޑޮލްގެ ސްޕޮންސަރުން ރަސްމިޔާތުގައި ބައިވެރިވިއެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ގަދަ 10 ގައި ހިމެނުނު ބައެއް ބައިވެރިންވެސް މިރޭގެ ހަފްލާގައި ބައިވެރިވިއެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު، ހޮނިހިރު މި ދެ ދުވަހު މޯލްޑިވިއަން އައިޑަލް ޝޯވގެ އެޕިސޯޑެއް ދައްކާއިރު މިރޭ ދެއްކީ އޮޑިޝަންތަކުގެ ތެރެއިން މާލެ ސިޓީގެ ފުރަތަމަ އެޕިސޯޑެވެ. މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ.ގަން، ބ. އޭދަފުށި، ހދ.ކުޅުދުއްފުށި، މި ސަރަޙައްދުތަކުގައެވެ. 5 އޮޑިޝަނުން ޖުމްލަ 43 ބައިވެރިޔަކު ވަނީ ޝޯގެ ތިއޭޓާ ރައުންޑަށް ގޮސްފައެވެ. މިހާރު ޝޫޓްކޮށް ނިމިފައިވާ ތިއޭޓާ ރައުންޑް ނަގާފައިވަނީ އއ. މަތިވެރީގެ ފަޅުތެރެ އާއި އެ ރަށާއި ކައިރީގައި އޮންނަ ފިނޮޅެއްގައެވެ.