މުނިފޫހިފިލުވުން

ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކޮށްފި


ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ފުރަތަމަ ވީޑިއޯލަވަ ރިލީޒްކޮށްފިއެވެ.

"ހޯދޭތޯ މަންޒިލެއް" މި ނަމުގައި ނެރެފައިވާ މި ލަވަ ރިލީޒްކޮށްފައިވަނީ އެކަމަށްޓަކާ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.

img:http://s4.psmnews.mv/images/660x400/14854222006517.jpg|ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

މިލަވަ ރިލީޒް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ދެއްކެވި ވާހަކައިގައި މިއުޒިކުގެ ދާއިރާއަށް ދިވެހި ޒުވާނުން ނެރުމަށް ޕީއެސްއެމްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން ޕީއެސްއެމްގައި ވަރަށް އަވަހަށް މިއުޒިކް ރެކޯޑިންގ ސްޓޫޑިއޯއެއް ޤާއިމްކުރެވިގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

މިފަދަ ސްޓޫޑިއޯއެއް ހެދުމުގެ ބޭނުމަކީ މިއުޒިކުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ދިވެހި ޒުވާނުން މިދާއިރާއަށް ނެރެ ކުރިއެރުވުން ކަމަށް ޚަލީލް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14854224295022.jpg|ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޕީއެސްއެމްގެ އެމް.ޑީ. އިބްރާހީމް ޚަލީލް ވާހަކަދައްކަވަނީ - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ދެއްކެވި ވާހަކައިގައި، ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑަލްގެ ލަވައެއް ރިލީޒް ވެގެން ދިއުމަކީ ޕީއެސްއެމްގެ މެނޭޖްމަންޓަށާއި މޯލްޑިވިއަން އައިޑަލްގެ ޓީމަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި މިއުޒިކް އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި ޕީއެސްއެމްއިން އަބަދުވެސް ސާބިތުކަމާއެކު މަސައްކަތް ކުރާނެކަން ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14854225395804.jpg|ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޕީއެސްއެމްގެ ޑީ.އެމް.ޑީ. އައިމިނަތު ޝާޔަން ޝާހިދު ވާހަކަދައްކަވަނީ - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

ލައިޝާގެ އަލްބަމްގައި ހިމެނޭ 6 ލަވަ ވަކިވަކިން ޝެޑިއުލްކުރެވިގެން ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ލަވައެއް އެއްކޮށް މިއަލްބަމް ވަކިން ރިލީޒް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޔަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ލައިޝާވަނީ، ޕިއެސްއެމްއިން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޕީއެސްއެމްއަށް ޝުކުރު އަދާކޮށްފައެވެ. އަދި ބެލުންތެރިންނަށް މިލަވަ ކަމުދާނެކަމަށް އުންމީދުކުރާ ކަމަށްވެސް ލައިޝާ ވަނީ ބުނެފައެވެ.

img:http://s3.psmnews.mv/images/660x400/14854225749970.jpg|ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ލައިޝާ ވާހަކަދައްކަނީ - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަކަމުގައިވާ "ހޯދޭތޯ މަންޒިލެއް" މި ލަވައިގެ ޅެން ހަދައިދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލްޣަނީއެވެ. ލަވައިގެ މިއުޒިކް ކޮމްޕޯ ކޮށްފައިވަނީ ޢިބްރާހީމް އަދި ފަޒީލްއެވެ. ސިނެމެޓޯގްރަފީ ޙުސައިން މުނައްވަރު ހަދައިދީފައިވާއިރު، ލަވައިގެ ރިކޯޑިންގ ހަދައިދީފައިވަނީ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ. މިލަވަ ޑައިރެކްޓް ކޮށްދީފައިވަނީ މުނިފޫހިފިލުވުމުގައި ދާއިރާގައި މީހާރުކުރިއަރަމުން އަންނަ ޒުވާން ފަރާތެއްކަމުގައިވާ އަޒްހާން ޢިބްރާހީމެވެ. އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ "އައި- ކްރިއޭޝަންސް" ގެފަރާތުންނެވެ. ހަމައެހެންމެ މި ލަވަ ވުޖޫދަށް ގެނެއުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ހިއްސާވެސް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ.

img:http://s1.psmnews.mv/images/660x400/14854224295022.jpg|ލައިޝާގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޕީއެސްއެމްގެ އެމް.ޑީ. އިބްރާހީމް ޚަލީލް ވާހަކަދައްކަވަނީ - ފޮޓޯ: ޢަލީ ނަޞީރު / ޕީއެސްއެމް

މޯލްޑިވިއަން އައިޑަލްގެ އޮފިޝަލް ޓުވިޓަރއަދި ފޭސްބުކް ޕޭޖުގައި މި ލަވައިގެ ޓީޒަރ މިހާރު އާއްމުކޮށްފައިވާއިރު، ލަވައިގެ ރީތިކަމާއި ހިތްގައިމުކަން، މި ޓީޒަރއަށް ބަލާލުމުންވެސް އިޙްސާސްކުރެވެއެވެ.

tw:https://twitter.com/Maldivian_Idol/status/824282041218764800

މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ ކާމިޔާބު ޝޯވތަކަށްފަހު، އައިޑަލް ސީޒަން ދޭއް ޢާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމްގެ އައިޑަލް ޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ހަމައެހެންމެ ސީޒަން އެކެއްގެ ގަދަ 10ގައި ވާދަކުރި ބައިވެރިންނަށް ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދިއުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، އެމީހުންގެ ލަވަކިޔުމުގެ ހުނަރުވެރިކަން ކުރިއެރުވުމަށް ޕީ.އެސް.އެމުން ކެނޑިނޭޅި އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.