އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާއަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަޢުވަތު އަރުއްވައިފިއެވެ.
ޓްރަމްޕް ވަނީ މޯދީއާއި ފޯނުން ގުޅުއްވާ އެމެރިކާއަށް ވަޑައިގަތުމަށް ދަޢުވަތު އެރުވުމުގެ އިތުރުން އިޤްތިޞާދީ ރޮނގުންނާއި ދިފާޢީ ރޮނގުން ދެޤައުމުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މިދެބޭފުޅުން ދެކުނު އޭޝީއާއާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އެގޮތުން، ޕާކިސްތާނާއި ގުޅޭގޮތުންނާއި އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރިއްޔާއިން ޠާލިބާން ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ގުޅޭގޮތުންވެސް މިދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ޓެރަރިޒަމްއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމަށްވެސް ޓްރަމްޕްއާއި މޯދީ ވާހަކަފުޅު ދެއްކެވި ކަމަށް ވައިޓް ހައުސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ޓްރަމްޕްއާއި ފޯނުން ވާހަކަފުޅު ދެއްކެވުމަށްފަހު، މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓްރަމްޕް އަކީ ވަރަށް ރަޙްމަތްތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ އާއި އެމެރިކާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. މީގެ އިތުރުން، މޯދީ ވަނީ ޓްރަމްޕް އިންޑިއާއަށް ވަޑައިގަތުމަށް ވެސް ދަޢުވަތު އަރުވާފައެވެ.
ޓްރަމްޕްގެ ސަރުކާރާއި ގާތް ގުޅުމެއް ބޭއްވުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ނިންމެވުމުން އެކަމާ އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން، އިންޑިއާ އިން ދެކެނީ އެޤައުމަކީ އެމެރިކާއަށް ވުރެ ދަށު ފަންތީގެ ޤައުމެއްގެ ގޮތުގައި ކަމަށާ، އެގޮތަށް އެކަން ވެއްޖެނަމަ އިންޑިއާގެ ޚާރިޖީ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް ޓްރަމްޕް އާއި މޯދީގެ ވާހަކަފުޅުތަކުން އެމެރިކާ އިން އިންޑިއާ އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ގަދަ ބާރެއް ކަމަށް ޤަބޫލު ކުރާކަން ދޭހަވި ކަމަށް އިންޑިއާގެ ދިފާޢީ ކަންކަމާ ބެހޭ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ސިޔާސަތުތަކެއް އެބަހުރި ކަމަށާއި ޙާއްސަކޮށް ޓެރަރިޒަމާއި ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް މޯދީ ތާޢީދު ކުރައްވާނެ ކަމަށް ވެސް އިންޑިއާގެ ދިފާޢީ ކަންކަމާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ. ފާއިތުވި އަހަރުތަކުގައި އެމެރިކާ އާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ގާތް ގުޅުން މިހާރު އިތުރަށް ބަދަހިވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.