ތަރައްްޤީ

ސްކޭޓް ޕާކްގެ ސްޓޭންޑަޑަށް ބަދަލު ގެނައުން




ހުޅުމާލޭގައި ތަރައްޤީ ކުރައްވާ ސްކޭޓް ޕާރކްގެ މަސައްކަތް، ކުރިން ކަނޑައަޅުއްވާފައިވާ މުއްދަތުގެ ތެރޭގައި ނުނިމި ލަސްވީ، އެތަނަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފި.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، އިންޓަރނޭޝަނަލް ސްޓޭންޑަޑަށް ކުރިން އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރި ނަމަވެސް ތަޖުރިބާކާރުންގެ ލަފަޔާއެކު މިހާރު އެ ސްޓޭންޑަޑަށް ބަދަލު ގެނެސްފައިވާކަމަށް.



" ފުރަތަމަ ތަރައްޤީ ކުރަން ނިންމީ އިންޓަރނޭޝަނަލް އިވެންޓް ބޭއްވޭނެ ތަނެއްގެ ގޮތުގައި. އެހެންނަމަވެސް އެކްޕާރޓުންގެ ލަފަޔާއެކު އިންޓަރނޭޝަނަލް

ސްޓޭންޑަރޑަށް ފިޓް ނުވާތީވެ އަލުން ބަދަލްތަކެއް ގެނެސް މަސައްކަތް ކުރަންޖެހުމުން ޑިލޭ ވީ."



ހުޅުމާލޭ ޔޫތް ޕާކް، ތަރައްޤީ ކުރެއްވުމަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރައްވާފައިވާނީ ޔޫރޯ މާރކެޓިންގއާ.

ޔޫރޯ މާރކެޓިން އިން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރާ ޔޫތް ޕާކުގައި، ސްކޭޓް ޕާރކަކާއި، ފުޓްސަލް ދަނޑުތަކާއި، މަލްޓި ޕާރޕަސް ދަނޑުތަކާއި ކެފޭއާއި، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް އެޗްޑީސީން ބުނޭ.

ސްކޭޓް ޕާރކް ނުނިމުނުނަމަވެސް އެތަނުގައި ހިމެނޭ، އިތުރު ކުޅިވަރުތަކަށް ޚާއްސަކޮށްފައިވާ އޭރިއާ ފެބުރުއަރީމަހު ހުޅުވާނެކަމަށް ސައިމަން ވިދާޅުވި.