ކުޅިވަރު

ކްލަބް ހިންގަން ވިކްޓްރީން ސްޓްރެޓީޖިކް ޕްލޭނެއް ތައްޔާރުކުރަނީ!


އަހަރުގެ ފުޓްބޯޅަ ސީޒަނަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީން އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންގެ ސޮއި ހޯދައި، މިދިޔަ ސީޒަންގައި ގަލޮޅު ދަނޑުގައި ތަފާތު ދައްކައިދިން ބިދޭސީ ކުޅުންތެރިންނާއިއެކު އެޓީމްގެ ފެނިގެންދަނީ ވަރަށް ވަރުގަދަކޮށެވެ.

އާ ސީޒަނަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ކްލަބްގެ މެނޭޖްމަންޓުންވެސް އަންނަނީ އެ ކްލަބްގެ ހިންގުން ހަރުދަނާކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެކްލަބު ހިންގާނެ ގޮތާއި، އަމާޒުތަކާއި، ކްލަބް ކުރިއަށް އޮތް އަހަރުތަކުގައި ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް އެ ކްލަބުންވަނީ ފަށާފައެވެ.

ރާއްޖޭގެ ކްލަބްތައް ހަރުދަނާކޮށް ކުރިއަށް ނުގެންދެވެނީ ކުރު މުއްދަތުގެ ޕްލޭންތައް ރާވައި ކުރިއަށްގެންދާތީކަމަށް ވިކްޓްރީން ގަބޫލުކުރެއެވެ. ކްލަބްގެ ހިންގުން ހަރުދަނާކޮށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައި ދާއިމީ ގޮތެއްގައި ކްލަބް ރަނގަޅަށް ހިންގަން އަމާޒު ހިފާފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އެކްސްކޯއިން ސްޓްރެޓީޖިކް ޕްލޭންގެ މަސައްކަތް ކުރިއަށް އޮތް މަހެއް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ކްލަބުން މައުލޫމާތުދެއެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ އެކްސްކޯއިން އެންމެ ބޮޑު އިސްކަމެއް ފުރަތަމަދިނީ ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ރަނގަޅު ސްކޮޑެއް އެކުލަވާލަން ކަމަށާއި،، އެކަން ފުރިހަމަ ކުރެވިއްޖެކަމަށެވެ. މިހާރު އެކްސްކޯއިން އެންމެ ބޮޑަށް ކުރަމުންދާ މަސައްކަތަކީ ސްޓްރެޓީޖިކް ޕްލޭންގެ މަސައްކަތްކަމަށާއި، ޕްލޭން ނިމުނުހާ އަވަހަށް ސަޕޯޓަރުންނާއި ހުރިހާ ކަމެއް ހިއްސާކުރައްވާނެކަމަށެވެ.

"ކްލަބް ހިންގާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްއެބަދޭ، ކުރިއަށް އޮތް މަހެއް ދޮޅުމަހެއް ހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ. ކްލަބްގެ އަމާޒުތަކާއި، ކްލަބާއި ގުޅުންހުރި ގިނަ ކަންތައްތަކެއް މި ޕްލޭނުގައި ހިމެނޭނެ" ކްލަބްގެ މަސައްކަތްތައް ޙިއްޞާކުރައްވަމުން ނަޒީމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14852848841418.jpg|ވިކްޓްރީގެ ޗެއާމަން އިބްރާހިމް ނަޒީމް / ފޮޓޯ : މިހާރު، ނިޝާން އަލީ

ނަޒީމް ވިދާޅުވީ ސަޕޯޓަރުން ކްލާބާއި ގާތް ކުރުމަށްވެސް ގިނަ ކަންތައްތަކެއް ކުރަން ހަމަޖެހިފައިވާކަމަށާއި، މިގޮތުން ސަޕޯޓަރުންގެ ދަފްތަރެއް އެކުލަވާލައި، ސަޕޯޓަރުންގެ ނަންބަރުތަކާއިއެކު މައުލޫމާތުތައް ކްލަބްގައި ބަހައްޓާނެކަމަށެވެ. ސޯޝަލް މީޑިޔާގައި ކްލަބްގެ ބައިވެރިވުން އިތުރުކޮށް، ފޭން ކްލަބެއް ޤާއިމްކޮށް ސަޕޯޓަރުންނާއި ކްލަބާއި އޮންނަ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ނަޒީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒީމް ވިދާޅުވީ ވިކްޓްރީ ހިންގެވުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ "ވިކްޓްރީގެ މީހުން" ކްލަބްގެ އެކި އެކި ކަންކަމުގައި ބައިވެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިހާރު ކްލަބާއި ދުރުގައި ތިބި ކްލަބް މެނޭޖަރުންގެ ގޮތުގައާއި، ކޯޗުންގެ ގޮތުގައި އަދި އޭގެ އިތުރުން ކްލަބަށް ކުރިން ކުޅެފައިވާ ވިކްޓްރީގެ ކުޅުންތެރިންގެ ހިއްސާ ކްލަބްގެ އެކި އެކި ކަންކަމުގައި އިތުރުކޮށް ކްލަބްދެކެ އެ ފަރާތްތަކުންވާ ލޯބި ދައްކުވައިދޭން ފުރުސަތު ދިނުމަކީ މިހާރު އެކްސްކޯގެ އެންމެ ބޮޑު އަމާޒުކަމަށްވެސް ނަޒީމް ފާހަގަކުރެއްވިއެވެ.

"ސަޕޯޓަރުން ކްލަބާއި ގާތްކުރަން ކުރާ މަސައްކަތާއިއެކު އަޅުގަނޑުމެން ވަރަށް ބޮޑު އިސްމަކެއް އެބަދެން ކްލަބް ހިންގުމުގައި ކުރިން ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ވިކްޓްރީގެ މީހުންނަށް، ވިކްޓްރީއާއިއެކު ގިނަ ދުވަސް ހޭދަކޮށްފައިވާ ވިކްޓްރީ ދެކެ ލޯބިވާ މީހުން ކްލަބާއި ގާތްކުރުމާއި، ކްލަބްގެ އެކި ކަންކަމުގައި ބައިވެރިކުރުމަކީ ބޯޑުގެ ވަރަށް ބޮޑު ވިސްނުމެއް" ނަޒީމް ވިދާޅުވިއެވެ.

ހަރުދަނާ ގޮތެއްގައި ކްލަބްތައް ހިންގަން ގިނަ ކްލަބްތަކަކުން އަމާޒު ހިފާފައިވާއިރު، ވިކްޓްރީން ތައްޔާރުކުރަމުންދާ ސްޓްރެޓީކް ޕްލޭނާއިއެކު އެ ކްލަބްގެ ތަސައްވަރުވެސް ވަރަށް ބޮޑަށް ފެނިގެންދާނެއެވެ. ފޯރިގަދަ ފުޓްބޯޅަ ސީޒަނެއް ފެނިގެންދިޔުމުގެ އުއްމީދުގައި ތިބި ކްލަބްގެ މެނޭޖްމަންޓުން ސަޕޯޓަރުންނަށް ދޭން އޮތީ އެންމެ މެސެޖެކެވެ. ރަތާއި ރީނދުލުން ޒީނަތްތެރިވެގެން ޓީމަށް ސަޕޯޓްދޭން ދަނޑަށް ވަނުމެވެ. އުއްމީދާއިއެކުގައެވެ. އެއީ ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާތަކެއް ނެރޭނެކަމުގެ އުއްމީދެވެ.