ޚަބަރު

ހުރިހާ ކަނޑު އުޅަނދުތަކެއް މިއަހަރު ބަލާ ފާސްކުރަނީ


އަލިފާނުގެ ހާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މިއަހަރުގެތެރޭގައި ހުރިހާ އުޅަނދެއް ބަލާ ފާސްކުރުމަށް ނިންމަވާފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމްކުރުމާ ބެހޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުގެ ޑްރާފްޓާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. 

img:http://s4.psmnews.mv/images/660x400/14842424949414.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު- ފޮޓޯ: ޕީއެސްއެމް

ޑިފެންސް މިނިސްޓަރ ވިދާޅުވީ މީހުން ދަތުރުކުރުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު ފަހަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ބެލެވޭ ކޮންމެ ހާލަތެއްގައި އެކަމަށް އެކަށީގެންވާ އިޖާބައެއް ދެވޭ ވަރުގެ ޤާބިލްކަން އުޅަނދުފަހަރުގައި ހުރިތޯ ބައްލަވާނޭކަމަށެވެ. އަދި އެކަށީގެންވާ އިޖާބައެއް ދެވޭ ވަރުގެ ޤާބިލުކަން ނެތްކަމަށްވާނަމަ އެކަންކަން ރަނގަޅުކުރުމަށްޓަކައި ދޭން ޖެހޭ ލަފަޔާއި އިރުޝާދު ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުން ބައިވެރިވެގެން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގެ ތަޖުރިބާއަށް ބައްލަވައި، ކުރިއަށް އޮތްތަނުގައި ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.