ތަރައްްޤީ

އައްޑޫގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރައްވައިފި


މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދެއްގައި ޑައިލިސިސްގެ ޚިދުމަތް އެންމެ ފުރަތަމަ ފަށްޓަވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ހޯދާ 10 ބަލި މީހުން އެބަތިއްބެވެ. މި މީހުންނަށް ކުރިން ޚިދުމަތް ދެއްވަމުން ގެންދަވާފައިވަނީ 2 މެޝިނެއް ބޭނުންކުރައްވައިގެނެވެ. 

ކުރިން މެޝިން މަދުކަމުގެ ދަތިތަކާ ކުރިމަތިވަމުން ދިޔަކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވިއެވެ. ބަލިމީހުން ގިނަ ގަޑިތަކަކަށް ބައްސަވާލައްވައިގެން ޚިދުމަތް ދެއްވަމުން ގެންދެވިނަމަވެސް މިހާރު މިވަނީ އެކަމަށް ލުޔެއް ލިބިފައެވެ. 

ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގެ ޖާގަ އިތުރުކުރައްވައި، މިހާރު ވަނީ އިތުރު ދެ މެޝިން އިންސްޓޯލްކުރައްވައި ޚިދުމަތް ދެއްވަން ފަށްޓަވާފައެވެ. ކުރިން ފަހަރަކު ދެ މީހުންނަށް ޚިދުމަތް ދެއްވަމުން ގެންދެވިނަމަވެސް މިހާރު އެއްފަހަރާ ހަތަރު މީހުންނަށް ޚިދުމަތްދެވެއެވެ. 

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާހު ސަޢީދު ވިދާޅުވީ، އެމެޖެންސީގައި ޑައިލިސިސް ދޭންޖެހިއްޖެ ހިނދެއްގައި ވެސް މިހާރު ފަސޭހަވާނެކަމަށެވެ. ޝާހު ވިދާޅުވީ، އައު މެޝިންތައް ހޯއްދަވާފައިވަނީ ހެލްތު މިނިސްޓްރީއާ އަމިއްލަ ކުންފުންޏެއް ގުޅިވަޑައިގެންކަމަށެވެ. 

މި ހޮސްޕިޓަލުން ދެއްވާ ޑައިލިސްގެ ޚިދުމަތާމެދު ހިތްހަމަޖެހޭކަން ޚިދުމަތް ހޯދާ ފަރާތްތަކުންވެސް ފާހަގަކުރިއެވެ. ޑައިލިސިސްގެ ޚިދުމަތް ދެއްވަން ތިއްބެވި ނަރުހުންވެސް ވަނީ މި ޚިދުމަތަށް އައި ކުރިއެރުމާއެކު، ފަސޭހަވެގެން ދިޔަކަން ފާހަގަކުރައްވާފައެވެ. 

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާފައިވަނީ 2013 ވަނަ އަހަރެވެ.