ތަރައްްޤީ

ދިއްގަރުގެ ފެނުގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި


އެންމެންނަށް ރައްކާތެރި ސާފުފެން ޔަޤީން ކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މުލަކަތޮޅު ދިއްގަރުގައި ސާފު ފެން ފޯރުކޮށްދެއްވުމަށް ޤާއިމްކުރެވުނު ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާހުކޮށްދެއްވައިފިއެވެ.

އެކަށީގެންވާ ރައްކާތެރި ސާފުބޯފެން  ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ނޮވެމްބަރ 2013 ގެ ފަހުންވަނީ 15 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމްކޮށްނިންމަވާ މުޅިއާބާދީގެ 14 އިންސައްތަ މީހުންނަށް އަލަށް ފެނުގެ ނިޒާމުގެ ޚިދްމަތް ދެއްވަން ފަށްޓަވާފައެވެ. މިއާއެކު ފެނުގެ ނިޒާމުގެ ޚިދުމަތް ލިބޭ އާބާދީގެ އިންސައްތަ މިވަނީ 39 އަށް މައްޗަށް ޖެހިފައެވެ. އަދި މިހާރު ޢަމަލީ މަސައްކަތްކުރިޔަށްދާ 12 ރަށެއްގެ މަސައްކަތް ނިމުމާއެކު ރާއްޖޭގެ މުޅިއާބާދީގެ 50 އިންސައްތައަށް ފެނުގެ ނިޒާމުގެ ޚިދުމަތް ލިބެންފަށާނެއެވެ.

މ.ދިއްގަރުގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށްގެންދަވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ހަވާލުކުރައްވައިގެންނެވެ. ދިއްގަރުގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 16 މާރޗް 2014 ގައެވެ. އަދި މަސައްކަތް ނިމިފައިވަނީ 04 ޑިސެމްބަރު 2015 ގައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ފެން ފޯރުކޮށްދެވޭނޭ ނިޒާމެއް މ.ދިއްގަރުގައި ޤާއިމްކުރެއްވުމަށް ހިންގެވި މަޝްރޫޢު ނިންމަވާ ފެނުގެ ޚިދުމަތް ދެއްވަން މިވަނީ ފައްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން 20 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓަވާފައިވެއެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 40 ޓަނުގެ ފެން އުފެއްދޭނެއެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 200 ޓަނުގެ ތާނގީއެއް ބަހައްޓަވާފައިވެއެވެ. އަދި 4.4 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވިފައިވެއެވެ. މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް ދިއްގަރުގައި ޤާއިމްކުރެވި، 202 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓަވާފައެވެ. މީގެ އިތުރުން ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، ދިއްގަރުގައި ހުރި ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް 500 ޓަނުގެ ތާނގީއަކަށް ޖަމާކޮށް އެފެނުގެ ސާފުކަން ޔަޤީން ކުރުމަށްފަހު މިނިޒާމުގެ ތެރެއިން ބޭނުންކުރެވޭނެގޮތްވެސް ވަނީ ހައްދަވާފައެވެ.

ދިއްގަރުގައި ޚިދުމަތްދެއްވަން ފެއްޓެވި ފެނުގެ ނިޒާމަކީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި ކަމެއްކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

މ.ދިއްގަރުގައި ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ. މި މަޝްރޫއަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވާފައިވެއެވެ.